ކ. މާލެ
|
12 އޮކްޓޯބަރ 2024 | ހޮނިހިރު 15:59
ހިޔާ ފްލެޓުތައް
ހިޔާ ފްލެޓުތައް
ރާއްޖެއެމްވީ
ހިޔާ ފްލެޓުތަކަށް ފެނުގެ އަސަރު
ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!
މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭ ދުވަސްދުވަހު ހިޔާ ފްލެޓުތަކަށް ފެން ވަންނަ މައްސަލަ އަދިވެސް ހައްލެއް ނުވެއެވެ. މިހާރު ވެސް މޫސުން ގޯސްވެފައިވާއިރު، މިފަހުން ހިޔާގެ އިމާރާތެއްގެ ކޮރިޑޯއަށް ފެން ވަދެ ފެންބޮޑުވެފައިވާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ އާއްމުވަމުންނެވެ. ބޯކޮށް ވާރޭ ވެހޭ ކޮންމެ ދުވަހަކު ހިޔާގެ ހާލަތަކީ އެއީ ކަމަށް އެސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެއެވެ.

ހުޅުމާލޭ ފޭސް-2ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަކީ ގިނަ ބައެއްގެ ދިރިއުޅުން ބަދަލުކޮށްލަދިން ފްލެޓުތަކެކެވެ. ބައިބޯ މާލޭގައި ކުދިކުދި ތަންތަންކޮޅުގައި ބޮޑު ކުލީގައި ދިރިއުޅެމުންދިޔަ އެތައް އާއިލާތަކަކަށް އުފާވެރިކަން ގެނެސްދިން ތަނެކެވެ. ހިޔާ ފްލެޓުތަކުގައި ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، އެ ފްލެޓުތަކުގައި ކުއްޔަށް އުޅޭ އާއިލާތައް މަދެއް ނޫނެއެވެ. އެއީތަނުގެ ވެންޓިލޭޝަން ރަނގަޅުވެފައި، އެފްލެޓުތައް މާލޭގައި ލިބޭ ކުދިކުދި އެޕާޓްމަންޓްތަކަށް ވުރެ ހާސްބައި ރަނގަޅުވުމުން ކަމަށް އެތަނުގައި ދިރިއުޅޭ މީހުން ބުނެއެވެ. ނަމަވެސް މޫސުން ގޯސްވެއްޖެނަމަ އެތަނުގައި ދިރިއުޅޭ މީހުންނަށް ގިނަ އުދަނގޫތަކާއި ކުރިމަތިލާންޖެހެއެވެ. އެއީ އިމާރާތަށް ފެންވަދެ، ބައެއް ފްލޯތައް ފެން ބޮޑުވެ، މީހުން ދިރިއުޅޭ ފްލެޓުތަކަށް ވެސް ފެންވަންނަމުންދާތީއެވެ.

މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭ ދުވަސްދުވަހު ހިޔާ ފްލެޓުތަކަށް ފެން ވަންނަ މައްސަލަ އަދިވެސް ހައްލެއް ނުވެއެވެ. މިހާރު ވެސް މޫސުން ގޯސްވެފައިވާއިރު، މިފަހުން ހިޔާގެ އިމާރާތެއްގެ ކޮރިޑޯއަށް ފެން ވަދެ ފެންބޮޑުވެފައިވާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ އާއްމުވަމުންނެވެ. ބޯކޮށް ވާރޭ ވެހޭ ކޮންމެ ދުވަހަކު ހިޔާގެ ހާލަތަކީ އެއީ ކަމަށް އެސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެއެވެ. މިކަމުން މިންޖުވެވި އަމާންކަމާއެކު، ފަސޭހަ ދިރިއުޅުމެއް އުޅެވޭނެ ދުވަހެއް އަވަހަށް ފެންނާނެ ކަމާމެދު ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ. އަދި ޒަމާންވީ މިމައްސަލަ ހައްލުކޮށް ދިނުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގައި އެދުނު ނަމަވެސް މާ ބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށް އެމީހުން ބުނެއެވެ.

ހިޔާ ފެލްޓުތަކުގެ ބައެއް ކޮރިޑޯތައް ފެންބޮޑުވެ، މީހުން ދިރިއުޅޭ ފްލެޓަށް ފެން ވަދެ ގެއްލުން ވެސް ވެފައިވެއެވެ. ހިފާ ގެންގުޅޭ އެކިއެކި އާލާތްތަކަށް ގެއްލުން ލިބުމުން އެކަމުގެ ޒިންމާ ނަގާނެ ފަރާތެއް ވެސް ނެތެވެ. ރޭގަނޑު ބޯކޮށް ވާރޭވެހޭނަމަ ދިރިއުޅޭ ފްލެޓަށް ފެން ވަދެދާނެ ކަމުގެ ބިރަށް ރޭގަނޑު ނުނިދާ އެތައް ބަޔަކު ތިބެއެވެ. މީގެ އިތުރުން ކޮރިޑޯގައި ބޮޑުވާ ފެންގަނޑު ހިންދުމުގެ މަސައްކަތްތައް އެތަނުގައި ދިރިއުޅޭ މީހުން ކުރަމުންދާއިރު، މިއީ ހައްގު މިންވަރު ނޫން ކަމަށް އެމީހުން ބުނެއެވެ.

ހިޔާއަށް ފެން ވަންނަ މައްސަލައާއެކު ކަރަންޓު ކެނޑުމުގެ މައްސަލަތައް ވެސް ދަނީ ކުރިމަތިވަމުންނެވެ.

ބައެއް ފްލެޓުތަކަށް ދިމާވަނީ ކަރަންޓުގެ ކޮން މައްސަލައެއް ކަމެއް ވެސް ނޭނގެއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މޫސުން ގޯސްވާ ކޮންމެ ފަހަރަކު އެ ފްލެޓުން ކަރަންޓު ދެއެވެ. ގެއިން ކުއްލި ކުއްލި އަށް ބްރޭކަރު ވައްޓާލާއިރު، ކަރަންޓު ބޭނުންކުރަންޖެހެނީ ޓީވީ އަދި އޭސީން ކަރަންޓު ކަނޑާލުމަށްފަހުއެވެ. ކަރަންޓުގެ މައްސަލަ ހައްލު ކުރަން ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށާއި، އެމައްސަލަ ދެނެގަނެވިފައިނުވާ ކަމަށް އެމީހާ ބުންޏެވެ. މިއީ ވެސް ފްލެޓަށް ފެނުގެ އަސަރު ކުރާތީ ދިމާވާ ބޮޑު މައްސަލައެކެވެ.

ވަރަށް ގިނަ ފަހަރު އެޗްޑީސީއަށް ޝަކުވާ ހުށަހަޅާފިން. ހުށަހެޅު އަދަދު ނޭނގޭ. ދެން މާގިނައިން ގުޅަންފެށީމަ ދެން އަންނާނެ އެޗްޑީސީގެ ޓީޝާޓުލައިގެން ތިބޭ ޒުވާން ދެ ކުދިން. ދެން ކުދިން އައިސް ބަލާލާފަ ދާނެ. ވާނުވާއެއް ނޭނގޭ. މިހައި ބޮޑު މައްސަލައެއްގައި މިހެން ނޫން ދޯ މަސައްކަތް ކުރަނީ. މިމައްސަލަ ދިމާވާތާ ވަރަށް ދުވަސްވެއްޖެ. މިކަން ހެއްލެއް ނުވޭ. ހިއެއް ނުވޭ މިކަން ހައްލު ކުރަން މަސައްކަތް ކުރާ ހެންވެސް. އަހަރުމެން ތިބެންވީ ދެން ރޭގަނޑު ދަންވަރު ވެސް ވާރޭ ބޯކޮށް ވެހެންޏާ ގެއަށް ފެން ވަދެދާނެތީ ބިރުން ނުނިދިފައި.
ހިޔާ ފްލެޓުގައި ދިރިއުޅޭ މީހެއް

ފެނާއި ގުޅިގެން ބޮޑެތި މައްސަލަތަކެއް ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވަމުންދާއިރު، މިމައްސަލައާ ގުޅިގެން އެޗްޑީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

19 އޮކްޓޯބަރު 2021 ގައި ހިޔާ ފްލެޓަށް ފެން ވަންނަ މައްސަލަ ހައްލުކުރަން ޓެސްޓުތަކެއް ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އޭރު އެޗްޑީސީން ބުނެފައިވަނީ ފެން ވަންނަ މައްސަލަ ހައްލު ކުރުމަށް ތިން ވައްތަރެއްގެ މެޓީރިއަލް ޓެސްޓު ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން، ފެން ވަންނަކަން ފާހަގަކުރެވޭ ޓަވަރުތަކުގެ މަތީ ބުރިތަކުގައި އެ ޕްރޮޓޮޓައިޕުތައް ޓެސްޓުކޮށް، ޓެސްޓުތަކުގެ ނަތީޖާ ރަނގަޅު ނަމަ ފެން ވަންނަ ހުރިހާ ފްލެޓެއްގައި އެ ތަކެެތި ބޭނުންކުރަން ކޮންޓްރެކްޓަރާ ހަވާލު ކުރާނެކަން ހާމަކޮށްފައިވެއެވެ. ނަމަވެސް މިމަސައްކަތް ކުރިއަށް ގެންދިޔަ ކަމެއް ނޭނގެއެވެ. މިކަމުގެ ރަނގަޅު ނަތީޖާއެއް ވެސް ފެނިފައިނުވެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން 24 ފަންގިފިލާގެ 16 ޓަވަރު ބިނާކޮށްފައިވާއިރު، ކޮންމެ ފަންގިފިލާއެއްގައި 20 ފްލެޓު ހުރެއެވެ. ގިނަ ބަޔަކު ހިޔާ ފްލެޓުތަކުގައި ދިރިއުޅެމުންދާއިރު، މިއީ އަވަހަށް ހައްލު ބޭނުންވާ ބޮޑު މައްސަލައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް