ކ. މާލެ
|
23 މެއި 2023 | އަންގާރަ 13:47
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލިސް
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ
50 މެންބަރުންގެ ސޮޔާއެކު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
އެމްޑީޕީ ޕީޖީ ގްރޫޕުން އީވާގެ އިތުބާރު ނެތްކަމަށް ނިންމީ މި މަހުގެ 18 ވަނަ ދުވަހު
މައްސަލަ ހުށަހެޅީ ޕީޖީ ގްރޫޕުގެ 50 މެންބަރުންގެ ސޮޔާއެކު
މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ

ރައްޔިތުންގެ މަޖިލީހުގެ ނާއިބްރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އީވާގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ މިހިނގާ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. އެއީ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އަންގާރަ ދުވަހުއެވެ. މައްސަލަ ހުށަހެޅީ ޕީޖީ ގްރޫޕުގެ 50 މެންބަރުންގެ ސޮޔާއެކުއެވެ.

ޕީޖީ ގްރޫޕުން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަން:

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނިގެން، ގަލޮޅު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު އީވާ އަބްދުﷲ އިންތިޚާބުވީ، އެމްޑީޕީގެ ޓެކެޓުގައި ވާދަކުރާ 'ކެންޑިޑޭޓުންގެ އިޤްރާރު' ގައި ސޮއިކޮށްގެން ކަމާއި، އިންތިޚާބު ވެއްޖެނަމަ، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ދެމިހުންނާނެ ކަމަށް އެ އިޤްރާރުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް އަމިއްލައަށް އެދިވަޑައިގެން އެމްޑީޕީގެ މެންބަރުކަމުން އީވާ އަބްދުﷲ ވަކިވެވަޑައިގެންފައިވާތީ، އެ ޢަމަލަކީ އިޤްރާރާ ޚިލާފުވުންކަން އެނގެން އޮންނަ ކަމަށް ޕީޖީ ގްރޫޕުން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ހިންގާ ޤަވާއިދުގެ 42 ވަނަ މާއްދާގައި، ޕާޓީ ވެރިކަމުގައި އޮންނައިރު ސަރުކާރުން މަޖިލިހަށް ހުށަހަޅާ ކަންކަމުގައި ޕާލިމަންޓްރީ ގްރޫޕުގެ މެންބަރެއްގެ ހައިސިއްޔަތުން އެއްބާރުލުން ދޭންވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރެއްގެ ގޮތުގައި ހުރެ، ފާއިތުވި މުއްދަތުގައި ސަރުކާރަށް ބޭނުންވާ އެއްބާރުލުން ދިނުމަށް ފާޅުގައި އިންކާރުކޮށްފައި ވާތީއާއި، އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރު ބަލިކަށިކުރުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައިވާކަން އެނގެން އޮތްކަމަށްވެސް މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމަށް އީވާ އަބްދުﷲ އިންތިޚާބުކޮށްފައި ވަނީ، ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުން ފާސްކޮށް، ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އެންމެހައި މެންބަރުންގެ ވޯޓާއެކު ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އަދި މިކަމުގައި ޕާޓީގެ މެންބަރުން ވޯޓް ދީފައިވަނީ، އެމްޑީޕީން ދިވެހި ރައްޔިތުންނަށް ވައުދުވެފައިވާ ކަންކަން ހާސިލުކޮށްދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ ހައިސިއްޔަތުން ފުރިހަމައަށް އެއްބަރުލުން ދިނުމާއި، އެމްޑީޕީގެ ސިޔާސަތުތައް ކުރިއެރުވުން މަތީ ދެމިހުރުމާއެކު، އެމްޑީޕީއަށް އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އިޚްލާސްތެރިވާނެ ކަމަށް އިތުބާރުކޮށްގެން ކަމަށް ވީ ނަމަވެސް، އަމިއްލައަށް އެދިގެން އެމްޑީޕީގެ މެންބަރުކަމުން ވަކިވެފައިވާތީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އީވާ އަބްދުﷲ އަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެކަމަށް ފެންނަކަމަށް ވަނީ ނިންމަވާފައެވެ.

މައްސަލައިގެ ފަސްފަހަތް:

އީވާ ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ 12 މެންބަރަކު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އަދި " ދި ޑިމޮކްރެޓްސް" ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވަންވެސް ވަނީ ހުށަހަޅުއްވާފައެވެ.

އެމްޑީޕީގެ ތެރެއިން، ފިކުރެއްގެ ދިރުމުގެ ނަމުގައި ވަކި ގޮތްޕެއް އުފައްދައިގެން ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން މަސައްކަތް ފެއްޓެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހުއެވެ. އޭގެފަހުން މަޖިލީހުގައިވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ގެންދެވީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

އައު ޕާޓީއެއް އުފައްދާފައިވަނީ މަޖިލީހުގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ނާއިބު ރައީސް ޕާޓީން އިސްތިއުފާދެއްވުމަށްފަހުގައެވެ.

މީގެ ކުރިން އީވާ ވަނީ މަޖިލީހުގެ ނާއިބް ރައީސްކަމުން އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނާއިބް ރައީސް ކަމުގެ މަޤާމު މުހިއްމު ނޫންކަމަށްވެސް އީވާ ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، މަގާމު ދިފާއު ކުރުމަށް "ސިޔާސީ ބޮޑު ކަސްތޮޅެއްގައެއް" ނުހުންނަވާނެކަމަށް ވިދާޅުވި ނަމަވެސް އީވާ ވަނީ މަޤާމުން އިސްތިއުފާ ނުދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރުވެސް އީވާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ވައުދުތައް ފުއްދުމަށް މަޖިލީހުގައި ތިބެންޖެހޭނީ ސަރުކާރުގެ ވައުދުތަކަށް ތާއީދު ކުރައްވާ ބޭފުޅުން ކަމަށާއި، ނަޒާހަތްތެރި މަޖިލީހެއް ޤާއިމު ކުރަން ޖެހޭނެކަމަށް އީވާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެހެންކަމަށްވާނަމަ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮއި ބޭނުންވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެކަމަށް ޤާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައެވެ. މަޖިލީހުގެ އަދަދުތަކަށް ބަލާއިރު، އެއީ 43 މެންބަރުންނެވެ.

- ކޮމެންޓް