ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް މާލޭގެ ފުރަތަމަ މޭޔަރު އަދި މާލޭ މުނިސިޕަލްޓީގެ ކުރީގެ ރައީސް ސަރަނގު އާދަމް މަނިކް ތާއީދު ކުރައްވައިފިއެވެ.
ސަރަނގު އާދަމް މަނިކް ރައީސް އަށް ތާއީދުކުރެއްވި ކަމަށް މީސްމީޑިއާގައި ވާހަކަދެކެވެން ފެށީ އެމްޑީޕީގެ އިސް ބައެއް ފަރާތްތަކާއި އެކު އޭނާ ނަންގަވާފައިވާ ފޮޓޯ އެއް މީސްމީޑިއާގައި ދައުރުވާން ފެށި ހިސާބުންނެވެ. އެ ފޮޓޯ އިން އާދަމް މަނިކްގެ އިތުރުން ދެން ފެންނަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް އާއި އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އަލީ ނިޔާޒްގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މޫސާ އަލީ މަނިކްއެވެ.
ސަރަނގު އާދަމް މަނިކް ރައީސް އަށް ތާއީދުކުރެއްވިކަން "ރާއްޖެއެމްވީ" އަށް ކަށަވަރުކޮށްދެއްވީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމްއެވެ.
އަސްލަމް ވިދާޅުވީ އެ ބައްދަލުވުމުގައި ދެން ކުރިއަށް ދާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި އުންމީދާއި އެކު އެކުގައި ކުރިއަށް ދިއުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް މިކަމާއި ގުޅޭގޮތުން ސަރަނގު އާދަމް މަނިކްގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއެކު ކޯލިޝަން ހެދުމަށް މިހާތަނަށް ނިންމާފައިވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އިންނެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައި ވަނީ 17 ފެބްރުއަރީ 2023ގައެވެ. އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވީ 61 އިންސައްތަ ނުވަތަ 24،566 ވޯޓާއި އެކުގައެވެ. ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ނުވަތަ 15،641 ވޯޓެވެ. 57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ.