ކ. މާލެ
|
12 މެއި 2023 | ހުކުރު 18:25
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ސަން
އައްޑޫ ސިޓީ ކޯޓު ކޮމްޕްލެކްސް
އައްޑޫ ސިޓީ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ އެގްރީމެންޓްގައި ސޮއިކޮށްފި
 
އައްޑޫ ސިޓީ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 1 އަހަރު ތެރޭގައި ނިންމުމަށް

އައްޑޫ ސިޓީގައި އިމާރާތްކުރުމަށް ނިންމާފައިވާ އައްޑޫ ސިޓީ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓްއާ ހަވާލުކޮށްފިއެވެ.

އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓްއާ 128,342,040.30ރ. (ސަތޭކަ އަށާވީސް މިލިއަން ތިންލައްކަ ސާޅީސްދެހާސް ސާޅީސް ރުފިޔާ ތިރީސް ލާރި) އަށް އައްޑޫ ސިޓީ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 1 އަހަރު ތެރޭގައި ނިންމުމަށެވެ. މި މަޝްރޫޢަށް ޚަރަދުކުރަނީ ދިވެހި ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުންނެވެ.

މި އެއްބަސްވުމުގައި މި ޑިޕާޓްމަންޓްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޢާއިޝަތު ރިޒްނާއެވެ. އަދި އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރ ޝިހާދު އިބްރާހީމްއެވެ.

އައްޑޫ ސިޓީ ކޯޓު ކޮމްޕްލެކްސްއަކީ، މިހާރުގެ މޮޑާން ޑިޒައިނިންގ އަދި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރު ކުރެވިފައިވާ ސްމާޓް ކޯޓު ކޮމްޕްލެކްސްއެކެވެ. ދިވެހި ސަރުކާރުގެ ޤައުމީ ތަރައްޤީގެ އެކްޝަން ޕްލޭންގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ޑިސްޓްރިކްޓް ކޯޓު ޤާއިމް ކުރުމަށް ހިމެނުމާއެކު، މި ޢިމާރާތް ޑިޒައިންކޮށްފައި ވަނީ ޑިސްޓްރިކްޓް ކޯޓް ކޮންސެޕްޓަށެވެ. މިގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ޑިސްޓްރިކްޓް ކޯޓު ގާއިމް ކުރެވުމުން ރައްޔިތުންނަށް އަދުލްއިންސާފަށް ވާސިލްވުމަށް ފަސޭހަވެގެންދާނެއެވެ.

ވުމާއެކު، މި އިމާރާތް ފަރުމާކުރެވިފައިވަނީ 3 ފްލޯރ (ގްރައުންޑް، ފަސްޓް، ސެކަންޑް) އަށެވެ. ގްރައުންޑް ފްލޯރގައި ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓުގެ މަސައްކަތްތައް ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާއިރު، ފަސްޓް ފްލޯރ ވަނީ ސިވިލް ކޯޓު އަދި ފެމިލީ ކޯޓުގެ މަސައްކަތްތައް ކުރެވޭ ގޮތަށް ފަރުމާކުރެވިފައެވެ. އަދި މި އިމާރާތުގެ ސެކަންޑް ފްލޯރ ފަރުމާކުރެވިފައި ވަނީ އިދާރީ އޮފީހާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޑުއެހުންތައް ބޭއްވޭ ގޮތަށެވެ.

2018 ވަނަ އަހަރުން ފެށިގެން ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓް ގޮތުގައި އިމާރާތް ކުރުމުގެ 20 ޕްރޮޖެކްޓް ޝަރުޢީ ދާއިރާއިން ކުރިއަށް ގެންދަމުންދެއެވެ. އެގޮތުން އެކި މަރުޙަލާތަކުގައި ހުރި ޕްރޮޖެކްޓްތަކުގެ މަސައްކަތް ނިމުމުން މެޖިސްޓްރޭޓް ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެއެވެ. މީގެ އިތުރުން 2018 ވަނަ އަހަރުން ފެށިގެން މަރާމާތާއި ޖާގަ އިތުރުކުރުމުގެ މަސައްކަތް 09 ކޯޓެއްގައި ކުރިއަށްގޮސް ނިންމާލެވިފައެވެ. އަދި 5 ކޯޓެއްގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް