ރަނގަޅު ފޯމެއްގައި ލީގު ތާވަލްގެ ތިންވަނާގައި އޮތް ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް, އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އުއްމީދު އާސެނަލްއިން ދަމަހައްޓައިފިއެވެ.
ލީގުގައި އާސެނަލްއަށް އޮތް އެންމެ އުނދަގޫ އެއް މެޗުގައި ކުރިހޯދީ 2-0ންނެވެ. މިމޮޅާއެކު އާސެނަލްއިން ވަނީ އެއްވަނާގައި އޮތް ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ޕޮއިންޓަކަށް ކައިރިކޮށްފައެވެ. އެކަމަކު އެއީ މެޗެއް އިތުރަށް ކުޅެގެންނެވެ. ނިއުކާސަލް ކޮޅަށް އާސެނަލްގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފްގައި ޖެހީ ކެޕްޓަން އޮޑެގާޑެވެ. 14 ވަނަ މިނިޓްގައި އޭނާ ލަނޑުޖެހީ ޖޯޖީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިއީ އޮޑެގާޑް މިސީޒަންގައި ޖެހި 15 ވަނަ ލަނޑެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލީޑްފުޅާކުރުމާ ގާތަށް ދިޔަނަމަވެސް ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ހުށިޔާރުކަމާއެކު ބޯޅަ ދިފާއުކުރިއެވެ. ދެވަނަ ހާފް ފަށައިގެން ފުރަތަމަ ދިހަ މިނިޓްގެ ތެރޭގައި ނިއުކާސަލްއިން ރަނގަޅު ދެ އެޓޭކެއް ކުރިއެވެ. ބޮލުން ފޮނުވާލި ދެ ބޯޅައިގެ ތެރެއިން އެއްބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ދެވަނަ ބޯޅަ ދިފާއުކުރީ އާސެނަލްގެ ކީޕަރެވެ. ދެވަނަ ހާފްގައި އާސެނަލްގެ މާޓިނެލީ ފޮނުވާލި ބޯޅައެއްވެސް ހުރަސް ދަނޑިއަށް އަމާޒުވިއެވެ. އެބޯޅަ ގޯލަށް ނުވަނަސް އާސެނަލް ދެވަނަ ލަނޑުގެ ބޮޑު ހިއްސާދާރަކީ އޭނާއެވެ. މެދުރޮނގާ ހިސާބުން ކުރިއަށް އަރައި ގޯލްއޭރިޔާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ގޯލަށް ވަނީ ނިއުކާސަލްގެ ޝާ ފައިގައި ޖެހިފައެވެ.
މެޗަށްފަހު އާސެނަލްގެ ކުޅުންތެރިން ވަނީ ވަރަށްބޮޑަށް އުފާފާޅުކޮށްފައެވެ. އާސެނަލްއަށް ލީގުގައި ބާކީ އޮތީ ތިން މެޗެވެ. ލީގު ހޯދުމުގެ ފުރުސަތު އޮތީ ސިޓީ އަތުން ކޮންޓްރޯލް ދޫވެގެންނެވެ. ނިއުކާސަލް މެޗުން ބަލިވުމުން ތިންވަނަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ. އެއީ މެންޗެސްޓަރ ޔުނައިޓެޑް ވެސްޓް ހޭމް އަތުން މޮޅުވެއްޖެނަމައެވެ.