ކ. މާލެ
|
1 މެއި 2023 | ހޯމަ 10:24
ލީގު ޓްރޮފީއާއެކު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ލީގު ޓްރޮފީއާއެކު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާރސް
ލީގާ އެފް
ބާކީ ހަތަރު މެޗު އޮއްވާ ބާސެލޯނާގެ އަންހެން ޓީމުން ލީގު ކާމިޔާބުކޮށްފި
ބާސެލޯނާ އިން ލީގު ކާމިޔާބު ކުރީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ

ލީގާ އެފްގައި ބާކީ ހަތަރު މެޗު އޮއްވާ ބާސެލޯނާގެ އަންހެން ޓީމުން ލީގު ކާމިޔާބުކޮށްފި އެވެ.

އެ ޓީމުން ލީގު ކާމިޔާބު ކުރީ އާދިއްތަ ދުވަހު ސްޕޯޓިން ޑި ހޫއެލްވާއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށްގެންނެވެ. އެ މެޗުގައި ބާސެލޯނާ އިން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ 39 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލައިއާ ކޯޑިނާ އެވެ. ބާސެލޯނާގެ އަނެއް ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ 63 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ފުޅާކޮށްދިނީ ޖާނާ ފެނާންޑޭޒް އެވެ. ބާސެލޯނާގެ ތިން ވަނަ ލަނޑު 89 ވަނަ މިނެޓުގައި ޖެހީ އަސިސަތު އޮޝޯއާލާ އެވެ. މޮޅާއެކު ބާސެލޯނާ އިން ލީގު ކާމިޔާބު ކުރީ ކުޅުނު 26 މެޗުން 78 ޕޮއިންޓާއެކު އެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބެނީ 68 ޕޮއިންޓެވެ.

ބާސެލޯނާ އިން ލީގު ކާމިޔާބު ކުރީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ. އެ ޓީމު ވަނީ މިހާތަނަށް ކުޅުނު 26 މެޗުން ވެސް މޮޅުވެފަ އެވެ. ލީގުގައި ބާސެލޯނާ އަށް ބާކީ ދެން އޮތީ ސޮސިއެޑާޑު، ސެވިއްޔާ، އެތުލެޓިކް ކުލަބް އަދި މެޑްރިޑު ސީއެފްއެފާ ދެކޮޅަށް ކުޅޭ މެޗެވެ. މީގެ އިތުރުން ބާސެލޯނާ އިން ލީގު ކާމިޔާބު ކުރި މެޗަކީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށް ފަހު އަލެކްސިއާ ޕުޓޭޔާސް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ. މެޗުގައި އޭނާ ކުޅެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ބާސެލޯނާ އިން މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމު ވަނީ ޔުއެފާ އަންހެން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް