ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 07:13
ސްޕެނިޝް ލީގުގެ ހެޑް ކުއާޓާ
ސްޕެނިޝް ލީގުގެ ހެޑް ކުއާޓާ
ރޮއިޓާސް
ސްޕެނިޝް ލީގު
ސްޕެނިޝް ލީގުގެ އިސްވެރިންނާއެކު ބާސެލޯނާ އިން ބޭއްވި ބައްދަލުވުން ކާމިޔާބު
މި މަޝްވަރާތައް ކުރިއަށް ދިޔައީ ހަމައެކަނި ބާސެލޯނާގެ ފައިނޭންޝަލް ފެއާ ޕްލޭ ސްޓޭންޑިންގްގެ ވާހަކަތަކަށް

ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އިސް ވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފި އެވެ.

ސްޕެއިންގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން އެ ބައްދަލުވުމުގެ ބޭނުމަކީ ބާސެލޯނާ އިން މާލީ ދަތިކަން ރަނގަޅު ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކާއި، ކުރިއަށް އޮތް ތަނުގައި އެކަމަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. މީގެ އިތުރުން މީޑިއާތަކުގައި ބުނެފައިވާ ގޮތުން އެ ބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް ކާމިޔާބު ކަމާއެކު އެވެ. މި ހާލަތުގެ ސަބަބުން ކުރިއަށް އޮތް ޓްރާންސްފާގައި ބާސެލޯނާ އަށް ކުޅުންތެރިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ބާސެލޯނާ އިން މަސައްކަތް ކުރަނީ އެ ޙާލަތު ލުއި ކުރުމަށް ކަމަށާއި، ޚާއްސަކޮށް ބާސެލޯނާ އިން އެހެން ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރާއިރު އެކަމަށް ހައްލެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އަލުން ގެނައުން ވެސް ގުޅިފަައި ވަނީ އެ ހާލަތާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން މެޑްރިޑުގައި ސްޕެނިޝް ލީގުގެ އޮފިޝަލުންނާއެކު ބާސެލޯނާ އިން ކުރިއަށް ގެންދިޔަ މަޝްވަރާތައް ކާމިޔާބު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ނަމަވެސް މި މަޝްވަރާތައް ކުރިއަށް ދިޔައީ ހަމައެކަނި ބާސެލޯނާގެ ފައިނޭންޝަލް ފެއާ ޕްލޭ ސްޓޭންޑިންގެ ވާހަކަތަކަށް ކަމަށާއި، މެސީ އެނބުރި އައުމާ ގުޅޭ އެއްވެސް މަޝްވަރާއެއް އެ ބައްދަލުވުމުގައި ކޮށްފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސްޕެނިޝް ލީގުގެ އެފްއެފްޕީގެ ގަވާއިދުތަކަށް އަމަލުކުރުމުގެ ގޮތުން މި ހޫނު މޫސުމުގައި ކުޅުންތެރިން ވިއްކުމަށް ބާސެލޯނާއިން ރާވާފައިވާއިރު، ކުޅުންތެރިންގެ މުސާރަ ކުޑަ ކުރަން ޖެހޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ބާސެލޯނާއިން މިހާރު ވެސް ކުޅުންތެރިން ވިއްކުމުގެ ޕްލޭންތައް ރާވަމުން އަންނައިރު، ދޫކޮށްލުން އެންމެ ގާތް އެއް ކުޅުންތެރިޔަކީ ފްރެންކް ކެސިއޭ ކަމަށާއި، އެކަމުގައި ކޯޗު ޒަވީ ހެނާންޑޭޒް ވެސް ބޭނުންވަނީ ކެސިއޭ ދޫކޮށްލުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބާސެލޯނާ އިން އަލުން މެސީ ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވީ، މިވަގުތު ޙާލަތު އޮތް ގޮތުން މެސީ އަށް ބާސެލޯނާ އަށް ކުޅެވެން ނެތް ކަމަށެވެ. ޓެބާސް ވިދާޅުވީ މެސީ ކަހަލަ ކުޅުންތެރިޔެއްގެ ރަޖިސްޓްރީ ކުރުމަށް ބާސެލޯނާ އިން މާލީ ގޮތުން ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ޓެބާސް ވިދާޅުވީ އޭނާ އަކީ މެސީގެ ސަޕޯޓަރެެއް ކަމަށާއި، މެސީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. އަދި މެސީ ސްޕެނިޝް ލީގުގައި ކުޅުމަކީ ވެސް އޭނާ ބޭނުންވާ ގޮތް ކަމަށެވެ.

- ކޮމެންޓް