އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދިޔަ ޗާގޮސް، ދިވެހިރާއްޖެ އިމުގެ މައްސަލަ ނިންމުގެ މައްސަލައިގައި ރާއްޖެއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް މަރުހަބާ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ވިޝާމް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އާއި އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި އެ އޮފީހުގެ ޓީމަށް ހާއްސަ މަރުޙަބާއެއް ވިދާޅުވެފައެވެ. އަދި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.
މޮރިޝަސްގެ ފަރާތުން އިޓްލޮސްއަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ރާއްޖޭން ބުނެފައިވަނީ ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށެވެ. އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭން ވަކާލާތުކުރީ، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބަލަން ޖެހޭނީ ޗާގޯސްގެ އައްސޭރިފަށުން ފެށިގެންނެވެ.
އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފައެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކިކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.
މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުންނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ. މޮރިޝަސް އިން ހުށައެޅީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ.
ރާއްޖެއަށް ހުކުރު ދުވަހު ލިބުނު ކާމިޔާބީއާ ގުޅިގެން ސަރުކާރާއި މަޖިލީހުގެ އިސް ބޭފުޅުން ގެންދަވަނީ ސަރުކާރުން ހޯދި ކާމިޔާބީފާހަގަކޮށް ސަރުކާރަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން، އިންތިޚާބާ ދިމާކޮށް ބައެއް ފަރާތްތަކުން އިޓްލޮސްގައި ކުރިއަށްދާ މައްސަލަ ސިޔާސީކޮށްގެން އެއިން މަންފާ ހޯދަން އުޅުނު ނަމަވެސް އެއިން އެއްވެސް މަންފާއެއް ނުލިބުނު ކަމަށް އެ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.