Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2025 | އާދީއްތަ 22:05
ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް
ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް
ރައީސް އޮފީސް
ބަންޑާރަނައިބުގެ އޮފީސް
އޭޖީ އޮފީހަށް 75 އަހަރު ފުރިގެން ބޭއްވި ހަފްލާ އަށް ޚަރަދުވި ވަރެއް ހަފްލާ ނިމުނު އިރުވެސް ނޭނގޭ
އޭޖީ އޮފީހުގެ 75 އަހަރުގެ ޖަލްސާ ބޭއްވީ ސެޕްޓެމްބަރު 13 ވަނަ ދުވަހު ބާސެލޯ ނަސަންދުރައިގަ
ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު
ގާނޫނާއި ގަވައިދު ބުނާ ގޮތުން ތަކެތި ނުވަތަ ޚިދުމަތް ހޯދޭނީ ކުރިން އަގުތައް ހޯދާ އަގުތަކަށް އެއްބަސްވުމަށް ފަހުގައި

އެޓާރނީ ޖެނެރަލް (އޭޖީ) ގެ އޮފީހަށް 75 އަހަރު ފުރިގެން ބޭއްވި ބޮޑު ހަފްލާ އަށް ޚަރަދުވި ވަރެއް އަދި ނޭނގޭ ކަމަށް އެ އޮފީހުން ބުނެފިއެވެ.

އެ ހަފްލާ އަށް ހިނގީ ކިހާވަރެއްތޯ ސާފު ކުރުމަށް ރައިޓް ޓު އިންފޮމޭޝަން (އާރުޓީއައި) ގެ ދަށުން ހުށަހެޅުމުން, ހަފްލާ ބޭއްވިތާ 23 ދުވަސް ފަހުން ބުނީ އަދި ހުރިހާ އިންވޮއިސް އެއް ނުލިބޭތީ އެކަމަށް ހިނގި ޚަރަދު ނޭނގޭ ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހޯދަން އެދި ހުށަހެޅި މައުލޫމާތާ ބެހޭ ގޮތުން، އޮކްޓޯބަރު މަހުގެ 05 ވަނަ ދުވަހު އޭޖީ އޮފީހުން ދިން ޖަވާބު ގައި ބުނެފައި ވަނީ "މި އޮފީހަށް 75 އަހަރު ފުރުން ފާހަގަ ކޮށް ބޭއްވި ޖަލްސާ އަށް ހޭދަވި ޚަރަދުތަކާ ގުޅޭ ތަފްސީލު ފޯރުކޮށް ދެވޭނީ އެކަމާ ގުޅޭ އިންވޮއިސް ތައް މި އޮފީހަށް ލިބިގެން ކަމަށްވާތީ އާއި، އެ އިންވޮއިސްތައް މި އޮފީހަށް ލިބިފައި ނުވާތީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި އޮފީހުން ގެންގުޅެ ނުވަތަ ބަލަހައްޓާ މައުލޫމާތުގެ މާނައިގެ ތެރޭގައި ނުހިމެނޭ މައުލޫމާތު ކަމަށް ވާތީ، މި ވަގުތު އެ މައުލޫމާތު ފޯރުކޮށް ދެވެން ނެތް ކަމުގައި ދަންނަވަމެވެ."

އިވެންޓަށް ހިނގި ޚަރަދުގެ ޖުމްލަ، އިންވޮއިސްތައް ނުލިބޭތީ ނޭނގޭ ކަމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ބުނި އިރު، ސަރުކާރުގެ ކަންކަމަށް ޚަރަދު ކުރަން ޖެހެނީ، އިއުލާނު ކޮށް ނުވަތަ ތަންތަނުން އަގުތައް ހޯދާ އެ އަގުތަކަށް ޚިދުމަތް ނުވަތަ ތަކެތި ހޯދުމަށް ކުރީބައިގައި އެއްބަސްވެގެން ކަމަށް މާލިއްޔަތުގެ ގާނޫނާއި ގަވައިދު ލާޒިމު ކުރެއެވެ.

އެޓާރނީ ޖެނެރަލްގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމަށް ކުލަގަދަ ހަފްލާ އެއް ބޭއްވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

އެ ހަފްލާ ބާއްވާފައިވަނީ ބާސެލޯ ނަސަންދުރައިގަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

އެޓާރނީ ޖެނެރަލްގެ އޮފީހުގެ އަލިމަސް ޔޫބީލް ޙަފުލާގައި ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި ޝަރުޢީ ކޯޓުތަކުގެ އިސްވެރިންގެ އިތުރުން ކުރީގެ ބަންޑާރަނައިބުންނާއި ބަންޑާރަނައިބުގެ އޮފީހުގައި މީގެ ކުރިން ޚިދުމަތްކުރައްވާފައިވާ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި މިހާރުވެސް އެ އޮފީހުގައި ޚިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

- ކޮމެންޓް