ލީގު ތާވަލްގެ އެއްވަނާގައި އޮތް އާސެނަލް ބަލިކޮށް, އިނގިރޭސި ޕްރިމިއަރ ލީގުގެ ކޮންޓްރޯލް ޗެމްޕިއަން މެންޗެސްޓަރ ސިޓީން ހޯދައިފިއެވެ.
ލީގު ޗެމްޕިއަންކަން ކަނޑައެޅުމާ ވަރަށްބޮޑަށް ގުޅިފައި އޮތް މެޗު ސިޓީން ކާމިޔާބުކުރީ 4-1 ނެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހަތްވަނަ މިނިޓްގައި ސިޓީއަށް ކުރިހޯދައިދިނީ ކެވިން ޑެ ބުރޭނާއެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖޯން ސްޓޯންސް ލީޑް ފުޅާކޮށްދިނެވެ. މިހާފްގައި ލަނޑުޖަހަން ހާލަންޑަށް ރަނގަޅު ދެފުރުޞަތު ލިބި ބޭނުން ނުކުރެވި ދިޔައެވެ. ސިޓީގެ ތިންވަނަ ލަނޑުވެސް ޖެހީ ޑެ ބުރޭނާއެވެ. ސިޓީން ތިން ލަނޑު ޖެހިފަހުން އާސެނަލްގެ ހަމައެކަނި ލަނޑު 86 ވަނަ މިނިޓްގައި ޖެހީ ހޯލްޑިންގއެވެ. އޭގެ ރައްދުގައި ސިޓީން ހަތަރުވަނަ ލަނޑެއް ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. އެ ލަނޑު ޖެހީ ލީގުގެ ލަނޑު ލިސްޓްގެ ކުރީގައި ހުރި ހާލަންޑެވެ. ހާލަންޑް ލަނޑު ޖެހީ ޑެ ބުރޭނާ ބަދަލުކުރި ފަހުން ފޮޑެން ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ފޮޑެން ދެވަނަ ހާފްގައި ކުޅެން ނިކުތީ ބަދަލަކަށެވެ. މެޗުގައި ޑެ ބުރޭނާ ލަނޑު ޖަހަން ދެ ފަހަރުވެސް ފުރުޞަތު ތަނަވަސްކޮށްދިނީ ހާލަންޑެވެ. އަދި ސްޓޯންސް ލަނޑު ޖަހަން ފުރުޞަތު ފަހިކޮށްދިނީ ޑެ ބުރޭނާއެވެ.
މިމޮޅާއެކު ލީގު ދިފާއުކުރުމުގެ ފުރިހަމަ ކޮންޓްރޯލް ސިޓީއަށް ވަނީ ލިބިފައެވެ. އާސެނަލްއަށްވުރެ ދެމެޗު މަދުން ކުޅެ, ސިޓީ ދެވަނާގައި އޮތީ ދެ ޕޮއިންޓްގެ ފަރަގަކާއެކުއެވެ. އާސެނަލް އެއްވަނާގައި އޮތީ 33 މެޗުން 75 ޕޮއިންޓާއެކުއެވެ. ސިޓީ ދެވަނާގައި އޮތީ 31 މެޗުން 73 ޕޮއިންޓާއެކުއެވެ.
މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ލީގު ތަށި މިހާރު އޮތީ ކޮންޓްރޯލްގައި ކަމަށާއި, ފުރުޞަތުގެ ބޭނުން ހިފަން ޖެހޭކަމަށެވެ. ފޯކަސް ގެއްލުވާލައިގެން ނުވާނެކަމަށާއި, ހުރިހާ ބާރެއް ކޮންޓްރޯލްގެ ދަށަށް ގެނެވިއްޖެކަމަށް ގާޑިއޯލާ ބުންޏެވެ. އެކަމަކު ގާޑިއޯލާ ބުނީ އަދިވެސް ހަޤީޤަތަކީ ސިޓީ އޮތީ އާސެނަލްއަށްވުރެ ފަހަތުގައި ކަމަށެވެ. ކުރިއަށް އޮތް ތިން މެޗަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެކަމަށް ބުންޏެވެ. ސިޓީއަށް ލީގުގައި ބާކީ އޮތީ ހަތް މެޗެވެ. އާސެނަލްއަށް އޮންނާނީ ފަސް މެޗެވެ.