ކ. މާލެ
|
26 އޭޕްރިލް 2023 | ބުދަ 08:38
ގުއަޓެމާލާގެ ރައީސް އަލެހާންޑްރޯ ޖިއަމަޓޭ އަދި ޓައިވާންގެ ރައީސް ސައި އިންގ-ވެން
ގުއަޓެމާލާގެ ރައީސް އަލެހާންޑްރޯ ޖިއަމަޓޭ އަދި ޓައިވާންގެ ރައީސް ސައި އިންގ-ވެން
ރޮއިޓާސް
ގުއަޓެމާލާ-ޓައިވާން
ގުއަޓެމާލާއިން ޓައިވާނާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ދީފި
 
އަލެހާންޑްރޯ ޓައިވާނަށް ނިސްބަތްކޮށް ވާހަކަދައްކަވާފައި ވަނީ "ރިޕަބްލިކް އޮފް ޓައިވާން"ގެ ނަމުން
 
ޓައިވާނާއެކު ހުރިހާ ދާއިރާއަކުންވެސް ގުޅުން ވަރުގަދަކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އަލެހާންޑްރޯ ވިދާޅުވި
 
އަލެހާންޑްރޯ ވަނީ ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައި

ގުއަޓެމާލާއިން ދެގޮތެއްނުވެ، ޓައިވާނާއެކު ދެމިއޮންނާނެ ކަމަށް އެގައުމުގެ ރައީސް އަލެހާންޑްރޯ ޖިއަމަޓޭ ވިދާޅުވެއްޖެއެވެ.

އަލެހާންޑްރޯ މިޔަގީންކަން ދެއްވާފައި ވަނީ އެމަނިކުފާނު ޓައިވާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހުއެވެ.

ގުއަޓެމާލާ އަކީ ޓައިވާނާއެކު ރަސްމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ 13 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ޓައިވާނާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުުގެ ލިސްޓުގައި ކުރިން ހިމެނުނު ހޮންޑޫރަސް ވަނީ މިދިޔަ މަހު ޗައިނާ އާ ގުޅުން ބަދަހިކޮށް، ޓައިވާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުމަށް ނިމުން ގެނަސްފައެވެ. ހޮންޑޫރަސް އިން ވަނީ ޗައިނާއިން 2.5 ބިލިއަން ޑޮލަރުގެ އެހީއަށް އެދިފައެވެ.

ގުއަޓެމާލާގެ ރައީސް ޓައިވާނަށް ދަތުރުކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޓައިވާންގެ ރައީސް އޮފީސް ކުރިމަތީ ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި އެމަނިކުފާނުވަނީ ޓައިވާން އާއި ގުއަޓޭމާލާ އަކީ އަހުވަންތަކަމުގެ ގުޅުން އޮންނަ ދެގައުމު ކަމަށް ސިފަކޮށް، ދެގައުމުގެ ދެމެދު ގާއިމުކޮށްފައިވާ ގުޅުމަކީ މުހިންމު ގުޅުމެއްކަމަށް ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި އަލެހާންޑްރޯ ޓައިވާނަށް ނިސްބަތްކޮށް ވާހަކަދައްކަވާފައި ވަނީ ޗައިނާއިން އެގައުމަށް ދީފައިވާ ރަސްމީ ނަމުގެ ބަދަލުގައި ޓައިވާނުން ހިޔާރުކުރާ "ރިޕަބްލިކް އޮފް ޓައިވާން"ގެ ނަމުންނެވެ. އަދި ގުއަޓެމާލާއިން ޓައިވާނާއެކު އޮތް ޑިޕްލޮމެޓިކް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށާއި، ޓައިވާނާއެކު ހުރިހާ ދާއިރާއަކުންވެސް ގުޅުން ވަރުގަދަކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ގުއަޓެމާލާގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އެއަަށްފަހު ޓައިވާންގެ ގާނުނު ހަދާ މަޖިލީހުގައި ވާހަކަފުޅުދައްކަަވަމުންވެސް އަލެހާންޑްރޯ ޓައިވާނަށް ނިސްބަތްކުރައްވާފައި ވަނީ "ރިޕަބްލިކް އޮފް ޓައިވާން"ގެ ނަމުންނެވެ. މިވާހަކައިގައިވެސް އަލެހާންޑްރޯ ވަނީ ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޗައިނާއިން ގަބޫލުކުރާގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. އަދި އެގައުމަކީ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ދެކުމަކީ ޗައިނާއިން ރުހޭކަމެއް ނޫނެވެ. ވަން ޗައިނާ ސިޔާސަތުގެ ދަށުން ޗައިނާއާއެކު ގުޅުން ބަދަހިނުކޮށް، ޓައިވާނާއެކު ވަކިން ޑިޕްލޮމެޓިކް ގާއިމުކުރުމަކީ ޗައިނާއިން ރުހޭކަމެއް ނޫނެވެ. އެގޮތުން ގުއެޓެމާލާގެ ރައީސްގެ މިދަތުރުފުޅުވެސް ޗައިނާއިން ވަނީ ކުށްވެރިކޮށްފައެވެ.

ގުއަޓެމާލާގެ ރައީސް ޓައިވާނަށްކުރެއްވި މިދަތުރުފުޅުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޓައިވާންގެ ރައީސް ސައި އިންގ-ވެން ވަނީ ގުއަޓެމާލާއަށް ދަތުރުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް