ކ. މާލެ
|
2 ޖޫން 2024 | އާދީއްތަ 21:19
 ސިންގަޕޫރުގައި ކުރިއަށް ދާ ޝަންގްރިއްލާ ޑަޔަލޮގް ކޮންފަރެންސް ގައި ޗައިނާގެ ދިފާއީ ވަޒީރު ޑޮން ޖުން ވާހަކަ ދައްކަވަނީ
ސިންގަޕޫރުގައި ކުރިއަށް ދާ ޝަންގްރިއްލާ ޑަޔަލޮގް ކޮންފަރެންސް ގައި ޗައިނާގެ ދިފާއީ ވަޒީރު ޑޮން ޖުން ވާހަކަ ދައްކަވަނީ
އޭޕީ
ތައިވާން އާއި ޗައިނާ ގުޅުން
ތައިވާން ޗައިނާ އާ ވަކިކުރަން ބަޔަކު އުޅޭނަމަ އެބަޔަކު ޗިސްކޮށް ކުދިކުދި ކޮށްލާނަން: ޗައިނާގެ ދިފާއީ ވަޒީރު
ޑޮންގ ވިދާޅުވީ ތައިވާނުގެ ސަރުކާރު ހިންގާ ޑިމޮކްރަޓިކް ޕްރޮގްރެސިވް ޕާޓީން ހުއްޓުމެއް ނެތި މަސައްކަތް ކުރަނީ ޗައިނާ އިން ތައިވާނު ވަކިކޮށް ޗައިނާގެ އައިޑެންޓިޓީ ފުހެލުމަށް ކަމަށް
ތައިވާނުގެ މައްސަލައަކީ ޗައިނާ އަށް އެންމެ މުހިންމު މައްސަލަ

ތައިވާނަށް މިނިވަންކަން ލިބުން ހުއްޓުވުމަށް ބާރުގެ ބޭނުން ކުރަން ޗައިނާއިން ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު ޑޮން ޖުން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ދިފާއީ ވަޒީރު މިހެން ވިދާޅުވީ ސިންގަޕޫރުގައި ކުރިއަށް ދާ ޝަންގްރިއްލާ ޑަޔަލޮގް ކޮންފަރެންސް ގައި އާދިއްތަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވީ، ތައިވާނުގެ މައްސަލައަކީ ޗައިނާ އަށް އެންމެ މުހިންމު މައްސަލަ ކަމަށެވެ. މިހެން މިކަން އޮއްވާ، ޑޮންގ ވިދާޅުވީ ތައިވާނުގެ ސަރުކާރު ހިންގާ ޑިމޮކްރަޓިކް ޕްރޮގްރެސިވް ޕާޓީން ހުއްޓުމެއް ނެތި މަސައްކަތް ކުރަނީ ޗައިނާ އިން ތައިވާނު ވަކިކޮށް ޗައިނާގެ އައިޑެންޓިޓީ ފުހެލުމަށް ކަމަށެވެ.

ޗައިނާ އިން ދެކެމުން އަންނަނީ ތައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ތައިވާނުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. ހުސްވި މެއި މަހުގެ 20 ވަނަ ދުވަހު ތައިވާންގެ އައު ރައީސް ވިލިއަމް ލައި މަގާމާ ހަވާލުވެ ވަޑައިގަތް ރަސްމިއްޔާތުގައި ޗައިނާ އާ ދެކޮޅަށް ދެއްކެވި ވާހަކަފުޅާ ގުޅިގެން ޗައިނާ އިން ނުރުހުން ފާޅު ކުރުމުގެ ގޮތުން އަސްކަރީ ތަމްރީންތަކެއް ތައިވާން ވަށައިގެން ބޭއްވުމާ ގުޅިގެން މަސްރަހް އިތުރަށް ހޫނުވެގެން ދިޔަކަން ފާހަގަ ކުރެވެއެވެ.

ތައިވާންގެ އައު ރައީސްގެ ވާހަކަފުޅަށްވެސް ޗައިނާގެ ދިފާއީ ވަޒީރު ވަނީ ހަރުކަށި އިބާރާތުން ރައްދު ދެއްވާފައެވެ. ދިފާއީ ވަޒީރު ޑޮންގ ވިދާޅުވީ އެ ވާހަކަތަކަކީ ޗައިނާ އަށާއި އެގައުމުގެ ކާބަފައިންނަށް ޣައްދާރުވުން ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ، ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ އަކީ ބަލި ނުކުރެވޭނެ ލަޝްކަރެއް ކަމަށާއި، އެއީ ހަކަތަ ހުރި ވަރުގަދަ ބާރެއް ކަމަށާއި، އެ ލަޝްކަރުން އުފަން ބިން ދިފާއު ކުރުމުގަ އާއި އެއްބައިވަންތަ ކުރުމުގައި ވަރުގަދަ އަޒުމާ ހިތްވަރާ އެކު މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޗައިނާގެ އަސްކަރިއްޔާ އިން ތައިވާނަށް މިނިވަންކަން ލިބުނަ ނުދޭނެ ކަމަށާއި އެކަމަށް މަސައްއްކުރާ ބަޔަކަށް ދުވަހަކު ކާމިޔާބުވެސް ނުވާނޭ ކަމަށެވެ.

"ޗައިނާ އިން ތައިވާން ވަކި ކުރަން މަސައްކަތް ކުރާ ކޮންމެ ފަރާތެއް، ޗިސްކޮށް ކުދިކުދި ކޮށްލާނަން" ޑޮންގ ވިދާޅުވިއެވެ.

ތައިވާނުން ޗައިނާގެ ދިފާއީ ވަޒީރުގެ މި ވާހަކަފުޅަށް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް