ޗެލްސީގެ ކޯޗުކަމަށް އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ގެންނަން ކުރެވޭ މަޝްވަރާތަކުގައި އެ ކުލަބަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ޗެލްސީގެ ކޯޗުކަމުން ގްރަހަމް ޕޮޓާ ވަކިކުރުމަށްފަހު ވަގުތީ ކޯޗަކަށް ހަމަޖެއްސީ ކުރީގެ ކޯޗު ފްރޭންކް ލަމްޕާޑު އެވެ. އެއީ މިހާރު ކުރިއަށްދާ ސީޒަނުގެ ނިޔަލަށެވެ. އެއަށްފަހު ޗެލްސީން އަންނަނީ ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެންމެ ފުރަތަމަ ޗެލްސީން މަޝްވަރާ ކުރީ، ކުރިން ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗަކަށް ހުރި ހޫލިއަން ނާގަލްސްމަނާ އެވެ. ނަމަވެސް އެ މަޝްވަރާތަކުގައި އެއްވެސް އަލިމަގެއް ފެނިފައި ނުވާއިރު، ނާގަލްސްމަން ވަނީ އެ ލިސްޓުން ބޭރުވެފަ އެވެ. އަނެއްކޮޅު ސްޕެއިންގެ ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭއާއެކު ޗެލްސީން މަޝްވަރާ ކުރި ކަމަށާއި، އޭނާގެ އެ ލިސްޓުން ބޭރުވެފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.
އެއަށްފަހު ޗެލްސީން މަޝްވަރާތައް ފެށީ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމާއި، ފްރާންސް ލީގުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ވެސް އިރުޝާދު ދީފައިވާ ޕޮޗެޓީނޯއާ އެވެ. ޕޮޗެޓީނޯއާއެކު ޗެލްސީން މިދިޔަ ހަފްތާގައި ވެސް މަޝްވަރާތައް ކުރިއަށް ގެންދިޔަ އިރު، އެންމެ ފަހުން ވަނީ ހޯމަ ދުވަހުގެ ރޭ ވެސް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ މަޝްވަރާތައް ކުރިއަށް ދަނީ ރަނގަޅަށެވެ. އެގޮތުން ޗެލްސީގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވުމަކީ ވަރަށް ގާތް ކަމެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ޗެލްސީން ކުރިއަށް އޮތް ދުވަސްތަކަގައި ޕޮޗެޓީނޯ އަށް ފައިނަލް އެއްބަސްވުމެއް ފޮނުވައި، ޕޮޗެޓީނޯގެ ފަރާތުން އެ އެއްބަސްވުން ޗެކް ކުރުން ކުރިއަށް ދާނެ އެވެ. ނަމަވެސް އޭނާ ޗެލްސީގެ ކޯޗުކަމާ ވަގުތުން ހަވާލުނުވާނެ ކަމަށާއި، ހަވާލުވާނެ ކަމަށް ބެލެވެނީ ޖޫން މަހުގައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ޕޮޗެޓީނޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2009 ވަނަ އަހަރު ސްޕެއިންގެ އެސްޕަންޔޯލް އިންނެވެ. އޭގެ ފަހުން 2014 ވަނަ އަހަރު އޭނާ ހަވާލުވީ ޕްރިމިއާ ލީގުގެ ސައުތެމްޓަނާ އެވެ. އެ ޓީމުގައި ފަސް އަހަރު ހޭދަ ކުރުމަށް ފަހު 2019 ވަނަ އަހަރު ހަވާލުވީ ޓޮޓެންހަމާ އެވެ. ޓޮޓެންހަމާއެކު ޔުއެފާ ޗެމްޕިއަސް ލީގުގެ ފައިނަލެއްގައި ވާދަކުރިއިރު، ކަރަބޯ ކަޕްގެ ފައިނަލެއްގައި ވެސް ވާދަކުރި އެވެ. ޓޮޓެންހަމް ދޫކޮށް އޭނާ ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ނަމަވެސް ޕީއެސްޖީގެ އެންމެ ބޮޑު އަމާޒަކަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުމުން މިދިޔަ އަހަރު ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން ޕޮޗެޓީނޯ ހުރީ އެއްވެސް ވަޒީފާއެއްގަ ނޫނެވެ.