ކ. މާލެ
|
17 އޭޕްރިލް 2023 | ހޯމަ 03:42
ބާސެލޯނާ އާއި ގެޓާފޭ ކުޅުނު މެޗުގެ ތެރެއިން
ބާސެލޯނާ އާއި ގެޓާފޭ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ސްޕެނިޝް ލީގު
ގެޓާފޭ އަތުން ވެސް ބާސެލޯނާ މޮޅެއްނުވި
ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ލަނޑެއް ނުޖެހުނު

ސްޕެނިޝް ލީގުގައި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބާސެލޯނާ މޮޅުނުވެ 0-0އިން އެއްވަރުވެއްޖެ އެވެ.

ލީގު ތާވަލްގެ އެއް ވަނައިގައި 11 ޕޮއިންޓްގެ ލީޑެއް ހިފަހައްޓަމުން އައި ބާސެލޯނާ އިން އާދިއްތަ ދުވަހުގެ ރޭ ގެޓާފޭގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. މިއާއެކު ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ނިންމާލަން ޖެހުނީ ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. ބާސެލޯނާ އަށް އެންމެ ފަހުން ލަނޑެއް ޖެހުނީ ލީގުގައި މި މަހުގެ ކުރީކޮޅު އެލްޗޭ އަތުން 4-0 އިން މޮޅުވި މެޗުގަ އެވެ. އޭގެ ފަހުން ކޮޕަ ޑެލް ރޭ މުބާރާތުގައި ރެއާލް މެޑްރިޑު އަތުން 4-1 އިން ބަލިވީއިރު، ލީގުގައި ކުޅުނު މެޗުގައި ޖިރޯނާ އަތުން ވެސް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

ގެޓާފޭގެ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކޮށްގެން އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑު ހޯދުމުގެ ފުރުސަތު ބާސެލޯނާ އަށް މެޗު ފެށުމުގެ ކުރިން އޮތެވެ. މެޗު ފަށައިގެން ގެޓާފޭ އިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެެއް ހޯދައިފަ އެވެ. ހަތަރު ވަނަ މިނެޓުގައި އެ ޓީމުގެ މުނީރު އަލް ހައްދާދީ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ލިބުނު ކޯނަރެއްގައި ހުރަސްވި ބޯޅަ އީނެސް އުނެލް ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން ބާސެލޯނާގެ ރަފީނިއާ ފޮނުވާލި ބޯޅައެއް އަރިމަތީ ދަނޑީގައި ޖެހިފައި ނިކުތުމުން ލިބުނީ އަލެހާންޑްރޯ ބާލްޑޭ އަށެވެ. ނަމަވެސް ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ ވެސް އަމާޒުވީ އަރިމަތީ ދަނޑިއާ އެވެ. އޭގެ ފަހުން ބާސެލޯނާގެ ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ބޯޅަ ގެޓާފޭގެ ގޯލް ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗުން ލިބުނު ޕޮއިންޓާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ 29 މެޗުން 73 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 62 ޕޮއިންޓެވެ.

- ކޮމެންޓް