މަތީ ތައުލީމު ދޭ މަރުކަޒުތަކުން ފޮނުވާފައިވާ ޕްރޮގްރާމް އޮޑިޓުގެ ބެޗްތަކުގެ ތެރެއިން ވަކިވަކި ދަރިވަރުންނަށް އަވަސްކޮށް ޕްރޮގްރާމް އޮޑިޓް ހަދައިދިނުމަކީ، ޕްރޮގްރާމް އޮޑިޓް ގަވައިދުގެ ދަށުން ހަމަޖެހިފައިވާ ކަމެއް ނޫންކަމަށް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. ޢަބްދުލް ހަންނާނު ވަހީދު ވިދާޅުވެއްޖެއެވެ.
އެ އޮތޯރިޓީން ނެރުނު އާންމު އިއުލާނެއްގައި ވަނީ، މަތީ ތައުލީމު ދޭ މަރުކަޒުތަކުން ދަރިވަރުން ކޯސް ފުރިހަމަކުރުމަށްފަހު އެ މަރުކަޒުތަކުން ސަނަދު ދޫކުރުމުގެ ކުރިން، އެމްކިޔުއޭއަށް ޕްރޮގްރާމް އޮޑިޓްގެ ފައިނަލް ބެޗް އޮޑިޓަށް ހުށަހަޅަންޖެހޭ ކަމަށެވެ. ދަރިވަރުންނަށް އެ ކޯހެއް ފުރިހަމަކުރިކަމުގެ ލިޔުމާއި ސަނަދު ދޫކުރުމުގެ ހުއްދަ އޮންނަނީ ފައިނަލް ބެޗް އޮޑިޓަށް އެ އޮތޯރިޓީއަށް ހުށަހެޅުމަށްފަހު, ސަނަދު ދޫކުރުމުގެ ހުއްދަ އެ އޮތޯރިޓީން ލިޔުމުން ދިނުމުންނެވެ. މި ކަމަކީ އެ އޮތޯރިޓީއާއި މަތީ ތައުލީމު ދޭ މަރުކަޒުތަކާ ދެމެދު ކުރެވޭ މުއާމަލާތެކެވެ. އެހެން ނަމަވެސް، ކޯސްތައް ނިންމާ ދަރިވަރުން މިކަމާ ގުޅިގެން އެ އޮތޯރިޓީއަށް ގުޅައި އަވަސްކޮށްދިނުމަށް އެދެމުންދާކަން ފާހަގަކުރެވޭކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މިގޮތަށް ގުޅާއިރު، މަރުކަޒުތަކުން ފައިނަލް ބެޗް އޮޑިޓަށް އެ އޮތޯރިޓީއަށް ހުށަހެޅުމުގެ ކުރިންވެސް، މި އޮތޯރިޓީން އެކަން އަވަސްކޮށްދިނުމަށް އެދި ދަރިވަރުން ހުށަހަޅާކަމަށް ފާހަގަކުރެވޭ ކަމަށާއި، އެގޮތަށް ބައެއް މަރުކަޒުތަކުން ދަރިވަރުންނަށް މައުލޫމާތު ދީފައި ހުންނަކަން ބައެއް ދަރިވަރުން އޮތޯރިޓީއާ ހިއްސާކޮށްފައި ވާކަމަށްވެސް އެމްކިޔުއޭއިން ބުނެއެވެ.
ޕްރޮގްރާމް އޮޑިޓަކީ ވަކި މުއްދަތެއް އެކުލެވޭ މަސައްކަތަކަށް ވާތީ، އެމްކިޔުއޭއިން އަންނަނީ އެ މުއްދަތުގެ ތެރޭގައި ޕްރޮގްރާމް އޮޑިޓް ނިންމުމުގެ މަސައްކަތް ކުރުމަށް ހާއްސަ ސަމާލުކަމެއް ދެމުންނެވެ. އަދި ބައެއް މަރުކަޒުތަކުން ހުށަހަޅާ ޕްރޮގްރާމް އޮޑިޓްގެ ބައެއް ލިޔެކިޔުންތައް މަދުވުމުގެ ސަބަބުން، ޕްރޮގްރާމް އޮޑިޓް ކުރިއަށް ނުގެންދެވި އަނބުރައި އެ މަރުކަޒަކަށް ފޮނުވަން ޖެހުމަކީވެސް ޕްރޮގްރާމް އޮޑިޓް ލަސްވެގެން ދާ ސަބަބެއްކަން އިއުލާންގައި ވަނީ ފާހަގަކޮށްފައެވެ. ޕްރޮގްރާމް އޮޑިޓްގެ މުއްދަތު 16 މެއި 2022ގައި ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ "ޕްރޮގްރާމް އޮޑިޓް ގަވާއިދު"ގެ 8 ވަނަ މާއްދާ (ޕްރޮގްރާމް އޮޑިޓަށް ހޭދަވާ މުއްދަތު)ގެ (ށ)ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ވަކިވަކި ދަރިވަރުންނަށް ޕްރޮގްރާމް އޮޑިޓް ހަދައިދިނުމަކީ ގަވާއިދުގެ ދަށުން ހަމަޖެހިފައިވާ ކަމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.