ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 09:12
ބުރާއީ އީގަލްސް ވެޓަރެންސް ވާދަކުރި މެޗުގެ ތެރެއިން
ބުރާއީ އީގަލްސް ވެޓަރެންސް ވާދަކުރި މެޗުގެ ތެރެއިން
އެފްއޭއެމް ވެޓަރެންސް ލީގު
ދަ ގްރާންޑޭ އާއެކު ބުރު ކުއާޓާ ފައިނަލަށް
އީގަލްސް ކެޓީ ގޯލްގެ ތަފާތުން

ދަ ގްރާންޑޭއާއެކު އެފްއޭއެމް ވެޓަރެންސް ލީގުގެ ގްރޫޕް އޭއިން ބުރު ސްޕޯރޓްސް ކްލަބް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މުޅިން އަލަށް މުބާރާތުގައި ވާދަކުރާ ބުރު ކްއާޓާ ފައިނަލަށް ދަތުރުކުރީ ހޯމަދުވަހު ހަވީރު 5-2 ން އީގަލްސް ވެޓަރެންސް ކްލަބް ބަލިކޮށްގެންނެވެ. އީގަލްސްއަށް ފުރުޞަތު ގެއްލުނީ ބޮޑު ތަފާތަކުން ބަލިވުމުންނެވެ. މިގްރޫޕްގެ ތިން ޓީމް ތަރުތީބުވީ ގޯލްގެ ތަފާތުންނެވެ. ކޮންމެ ޓީމަކަށްވެސް ލިބުނީ ތިން ޕޮއިންޓެވެ. އެއްވަނަ ޓީމްގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރީ ދަ ގްރާންޑޭއެވެ. ބުރަށް ލިބުނީ ދެވަނައެވެ.

އީގަލްސް އަތުން ބުރު މޮޅުވީ ދެފަހަރު މަތިން އީގަލްސްއިން ލީޑް ހޯދާފައިވަނިކޮށެވެ. ފުރަތަމަ ލަނޑުޖަހާ އީގަލްސްއަށް ކުރިހޯދައިދިނީ އަބުދުالله ނަސީރެވެ. އެލީޑްގައި އޮވެވުނީ ފަސް މިނެޓެވެ. މުޙައްމަދު މައުސޫމް ލަނޑުޖަހާ ބުރަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ދެވަނަ ފަހަރަށް އީގަލްސްއަށް ކުރިހޯދައިދިނީ މުޙައްމަދު ފަޒީންއެވެ. ބުރަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހީމް ހަލީލެވެ. ފުރަތަމަ ފަހަރަށް ބުރަށް ކުރިލިބުނީ އިސްމާއީލް ޝަރީފް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ބުރު ކުއާޓާއަށް ގެންގޮސްދިން ދެ ލަނޑު ޖެހީ ހުސެއިން ހަބީބެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބުރުގެ އިބްރާހީމް ހަލީލެވެ.

ލީގުގައި އަންގާރަ ދުވަހު ވާދަކުރާނީ ހުޅުމާލެ ވެޓަރެންސްއާއި ނިއުރޭޑިއަންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް