މި އަހަރުން ފެށިގެން ރާއްޖޭގެ ފުޓްބޯޅަ މުބާރާތްތަކުގައި ކާޑުތައް ދައްކާގޮތަށް ގެނެވުނު ބަދަލާއެކު ކާޑުގެ ޖޫރިމަނާ ފީ އަށް ވެސް ބޮޑު ބަދަލެއް ގެނެސްފި އެވެ.
ގައުމީ ފުޓްބޯޅަ އިދާރާއިން މިހާރު ހަމަޖައްސާފައިވާ ގޮތުން މި އަހަރުން ފެށިގެން ދައްކާ ކޮންމެ ރީނދޫ ކާޑެއްގެ ޖޫރިމަނާ އަކީ 300ރ. އެވެ. އަދި ރަތްކާޑެއް ދައްކައިފިނަމަ ޖޫރިމަނާގެ ގޮތުގައި 500ރ. ނަގާނެ އެވެ. އަދި އެ ކުޅުންތެރިއަކަކަށް އަލުން މެޗަކަށް ނުކުމެވޭނީ މި ފައިސާ ދެއްކުމުންނެވެ.
"މުބާރާތުގައި ދައްކާ ކޮންމެ ރީނދޫ ކާޑަކަށް 300ރ. އަދި ކޮންމެ ރަތްކާޑަކަށް 500ރ. އެކުޅުންތެރިއެއް ނުވަތަ އޮފިޝަލެއް ޖޫރިމަނާ ކުރެވޭނެއެވެ. މިގޮތުން ޖޫރިމަނާ ފައިސާ ނުދައްކާހާ ހިނދަކު އެކުޅުންތެރިއަކު ކުޅެން ޖެހޭ އިތުރު އެއްވެސް މެޗެއް ކުޅުމަށް ޝަރުތު ހަމަވެގެން ނުވެއެވެ،" އެފްއޭއެމުގެ މުބާރާތްތަކުގެ ގަވާއިދުގެ 25ވަނަ މާއްދާގެ ދެ ވަނަ ނުކުތާގައިވެ އެވެ.
މި ބަދަލު ގެނެސްފައިވާއިރު ކުޅުންތެރިން ސަސްޕެންޑްކުރާ އުސޫލަށް އެފްއޭއެމުން ވަނީ ލުއިދީފަ އެވެ. މި ގޮތުން މީގެ ފަހުން ކުޅުންތެރިއަކު ޖެހިގެން އަންނަ މެޗަށް ސަސްޕެންޑްވާނީ ތިން ރީނދޫ ކާޑު ނުވަތަ ސީދާ ރަތްކާޑެއް ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.