އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައި އޮތް އާސެނަލްއިން ލިވަޕޫލްގެ މައްޗަށް ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް, ލިވަޕޫލުން މެޗު އެއްވަރުކޮށްފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ 30 މިނެޓު ތެރޭގައި އާސެނަލްއިން ދެ ލަނޑުގެ ލީޑެއް ނެގުމުން ނަތީޖާގެ ފަރަޤު ބޮޑުވެދާނެކަމަށް ބެލެވުނެވެ. އެއީ އަށްވަނަ މިނެޓުގައި ގަބްރިއެލް މާޓިނެލީ ޖެހި ލަނޑާއި, 28 ވަނަ މިނެޓުގައި ޖީސޫސް ޖެހި ލަނޑުން ފޯމްގައި އޮތް އާސެނަލް ކުރި ހޯދުމުންނެވެ. އެކަމަކު ފުރަތަމަ ހާފްގެ ފަހު ތިން މިނެޓުގެ ތެރޭގައި ސަލާހު ލަނޑެއް ޖަހާ ލިވަޕޫލުން އުއްމީދު ހޯދިއެވެ. މެޗުގެ ނަތީޖާ ލިވަޕޫލުން ހަމަހަމަކުރީ މެޗުގެ ފަހު ތިން މިނެޓުގެ ތެރޭގައި ފިރްމީނިއޯ ޖެހި ލަނޑުންނެވެ. އޭގެކުރިން ނަތީޖާ ހަމަހަމަކުރަން މާރަނގަޅު ފުރުޞަތެއް ސަލާހުއަށް ލިބުނެވެ ލިވަޕޫލަށް ލިބުނު ޕެނަލްޓީ ސަލާހުއަށް ފޮނުވާލެވުނީ އަރިމަތިން ބޭރަށެވެ.
މިނަތީޖާގެ ސަބަބުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ލީގު ދިފާއުކުރަން މަސައްކަތްކުރާ މެންޗެސްޓަރ ސިޓީއަށެވެ. މިވަގުތު ދެވަނާގައި އޮތީ ހަ ޕޮއިންޓްގެ ފަރަގަކާއެކުއެވެ. އެކަމަކު އާސެނަލް މެޗެއް އިތުރަށް ކުޅެފައިވުމާއި, ސިޓީއަށް އާސެނަލް މެޗު ކުރިއަށް އޮތުމުން ތާވަލްގެ ކުރިއަށް އެރުމުގެ ފުރުޞަތު މެންޗެސްޓަރ ސިޓީއަށް އެބައޮތެވެ. އާސެނަލް އެއްވަނާގައި އޮތީ 30 މެޗުން 73 ޕޮއިންޓާއެކުއެވެ. ސިޓީ ދެވަނާގައި އޮތީ 29 މެޗުން 67 ޕޮއިންޓާއެކުއެވެ.
ލީގުގައި ކްރިސްޓަލް ޕެލެސްއިން ވަނީ 5-1 ން ލީޑްސް ޔުނައިޓެޑް ބަލިކޮށްފައެވެ. ލީޑްސްއާއި ރެލިގޭޝަނާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ. ކްރިސްޓަލް ޕެލަސް އޮތީ 33 ޕޮއިންޓާއެކު 12 ވަނާގައެވެ.