މި އަހަރުން ފެށިގެން ރާއްޖޭގައި ކުޅެވޭ ފުޓްބޯޅަ މެޗުތަކުގައި ކުޅުންތެރިން ސަސްޕެންޑްވާނީ ތިން ރީނދޫކާޑު ހަމަވުމުން ކަމަށް އެފްއޭއެމުން ނިންމައި މިކަން ކުލަބުތަކަށް އަންގައިފި އެވެ.
ކުރިން އޮންނަ ގޮތުންނަމަ ދެވަނަ ރީނދޫކާޑާއެކު ޖެހިގެން އަންނަ މެޗު ނުކުޅެވޭނެ އެވެ. ނަމަވެސް ގައުމީ ފުޓްބޯޅަ އިދާރާއިން މި ބަދަލު ގެނައީ ގިނަ އަދަދެއްގެ މެޗުތަކެއް ރާއްޖޭގައި ވެސް ކުޅެން ޖެހި ސީޒަން ދިގުލައިދާތީ އެވެ. ދުނިޔޭގެ އެކި މިކަން އޮންނަ ގޮތް ތަފާތެވެ.
މި ބަދަލުގެ އިތުރުން މި އަހަރުން ފެށިގެން ބިދޭސީ ފަސް ކުޅުންތެރިންނަށް އެއްފަހަރާ ކުޅެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. ޓީމެއްގައި ރަޖިސްޓްރީ ކުރެވޭނީ އޭޝިޔާގެ ކުޅުންތެރިއަކާއެކު ބިދޭސީ ހަ ކުޅުންތެރިންނެވެ. ކުރިން މި ގަވާއިދު އޮތީ އޭޝިޔާގެ ކުޅުންތެރިއަކާއެކު އެއް ފަހަރާ ހަތަރު ކުޅުންތެރިންނަށް ކުޅެވޭ ގޮތަށެވެ. ނަމަވެސް އެފްއޭއެމުގެ އެކްސްކޯއިން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ބިދޭސީ ހަ ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލައިފަ އެވެ.
މީގެ އިތުރުން މި އަހަރުން ފެށިގެން ރާއްޖޭގައި ވެސް މެޗެއްގައި ފަސް ބަދަލު ކުރެވޭނެ އެވެ. ކުރިން މެޗެއްގައި ބަދަލުކުރެވެނީ ތިން ކުޅުންތެރިންނެވެ. ފަސް ބަދަލު ކުރެވޭނީ ތިން ފުރުސަތެއްގަ އެވެ. މިއީ ކޮވިޑް19އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ އަށް ގެނެވުނު ބަދަލެކެވެ. އަދި ފަހުން މި ބަދަލަކީ ދާއިމީކޮށް ބާއްވަން ރަނގަޅު ބަދަލެއްގެ ގޮތުގައި ފީފާ އާއި ފުޓްބޯޅައިގެ ތަޖުރިބާކާރުން ވަނީ އެއްބަސްވެފަ އެވެ.