ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 07:56
ހުއްރިއްޔާގެ ވެޓަރެންސް ޓީމް
ހުއްރިއްޔާގެ ވެޓަރެންސް ޓީމް
އެފްއޭއެމް ވެޓަރެންސް ލީގު
ހުރާ އެނބުރި އައީ ވެޓަރެންސް ލީގަށް، ފުރަތަމަ މެޗު އެއްވަރު!
ހުރާގެ ފުރަތަމަ މެޗު އެއްވަރުވީ ލަނޑެއް ނުޖެހި

ރާއްޖޭގެ ފުޓްބޯޅަގެ ބޮޑު ނަމެއްގެ ގޮތުގައި އޮތް މާލެ އަތޮޅު ހުރައަށް ނިސްބަތްވާ ހުއްރިއްޔާ ސްޕޯރޓްސް ކްލަބް, ވެޓަރެންސް ލީގުގައި ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ދެމެހެއްޓުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި ހުއްރިއްޔާ ވެޓަރެންސް ލީގަށް އައީ އެޓީމްގެ ތަރިން ހިމެނޭ ގޮތަށެވެ. އޭގެތެރޭގައި ފޯވާޑް މައުސޫމް އަބުދުލްޣަފޫރު (މާސޭ)އާއި, ކީޕަރު އިސްހާގު އީސާއާއި އަހުމަދު އަތީފް, އަދި ހުރައަށް ނިސްބަތްނުވި ނަމަވެސް ހުރާގެ ރަން ޒަމާނުގައި އެޓީމަށް ކުޅުނު ޔޫސުފް އަޒީމް (ޔޫއްޓޭ) ހިމެނެއެވެ. ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޤައުމީ ޓީމުގެ ވެސް ކުރީގެ މިޑްފީލްޑަރު އަބުދުالله އިބްރާހީމް (އަބުޅޯ) ޓީމު އޮފިޝަލުންގެ ތެރޭގައި ހިމެނެއެވެ. ޓީމުން މަދުވާ މުހިއްމު ކުޅުންތެރިއަކީ އަލީ ޝިހާމް (އައްޔަ) އެވެ. ވެޓަރެންސް މުބާރާތަށް ޓީމު ނުކުތީ ހުއްރިއްޔާ ވެޓަރެންސްގެ ނަމުގައެވެ.

ހުއްރިއްޔާގެ ރަސްމީ ޖަރޒީގައި ނުކުތް ފުރަތަމަ މެޗުގައި ވާދަކުރީ މޯލްޑިވްސް ސޮކަރމޭޓްސްއާއެވެ. މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހުރާގެ އިތުރުން ނިއުރޭޑިއަންޓަށް ވެސް ކުރިން ކުޅުނު އޭރުގެ ޤައުމީ ޓީމްގެ ފޯވާޑް މައުސޫމް އަބުދުލްޣަފޫރު (މާސޭ)އެވެ.

މޯލްޑިވްސް ސޮކަރ މޭޓްސްގައި ހިމެނޭ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ޤައުމީ ޓީމު ފުރަތަމަ ރަން މެޑަލް ހޯދިއިރު ކެޕްޓަން އަސްއަދު އަބުދުލްޣަނީއާއި އެޓީމްގައި ހިމެނުނު ޑިފެންޑަރު ސޮބާހު މުޙައްމަދާއި ޤައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަޝްރަފް ލުތުފީ (ސަމްޕަތު)އާއި, ޤައުމީ ޓީމުގެ އެއްވަނަ ކީޕަރުކަން އެންމެ ގިނަ ދުވަހުކުރި އިމްރާން މުޙައްމަދާއި ޤައުމީ ޓީމުގެ ގޯލް ބެލެހެއްޓި ސިނާން (ނާނި) ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް