ތިލަފުށި ފޭސް 2 ހިއްކުމުގެ މަސައްކަތް 4 މަސް ދުވަހުން ނިންމާލެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަރޕްލޭނާއި އެއްގޮތަށް ފޭސް 2 ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ.
މިގޮތުން، ތިލަފުށި ފޭސް 2 ގެ އޭރިއާ ސީ ގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް ފަށާ އެ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް މި މަހުގެ 27 ވަނަ ދުވަހު ވަނީ ފަށާފައެވެ.
މި ސަރަހައްދު ހިއްކުމަށް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑްއާއެވެ. މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ތިލަފުށި މާސްޓަރ ޕްލޭންގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ހިމެނެނީ، ތިލަފަޅު ހިއްކުމުގެ މަސައްކަތެވެ. މާސްޓަރ ޕްލޭންގެދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނީ 3 ފިޔަވަށްސަކަށް ބަހާލައިގެންކަމަށް އެޗްޑީސީން މީގެކުރިން ވަނީ ބުނެފައެވެ.
މާލޭގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މަސައްކަތް ކުރުމަށާއި ވިޔަފާރިތައް ހިނގުމުގަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި އާންމުން ދިރިއުޅޭ ސަރަހައްދުގައި ގަރާޖުތަކާއި ވެއާހައުސްތައް ހުރުމުން ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވާ ކަމަށާއި އެހެންވެ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން ރާއްޖޭގެ ވިޔަފާރި ސިނާއަތްތަކަށް ބޭނުންވާ އެންމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.