ކ. މާލެ
|
23 އޮކްޓޯބަރ 2024 | ބުދަ 18:18
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ސަރުކާރުގެ މަސައްކަތްތައް
މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުގައެއް ނޫން، ރަސްކަމަކާ ގާތަށް ދާ މަންޒަރު ދަނީ ފެންނަމުން: މެންބަރު ސަމީރު
ރައްޔިތުން އެކުރި އިތުބާރުގެ އެއްވެސް އަގެއް ނެތްކަން މިއަދު ގައުމުގައި ހިނގާކަންކަމުން ދަނީ ފެންނަމުން
މަޖިލީހުގެ މަސައްކަތްތައް ރާވާލާފައިވަނީ ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ބޭނުން މިސްރާބަކަށް ކަންތައްތައް ކުރިއަށް ގެންދެވޭ ގޮތަށް
މިސަރުކާރުން މަސައްކަތް ކުރަނީ ލާމަރުކަޒީ ނިޒާމު އެއްކޮށް ހަލާކުކޮށްލައި، ރައްޔިތުންގެ ބާރު ނެގުމަށް

މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުގައި ނޫން ކަމަށާއި، ރަސްކަމަކާ ގާތަށް މިރާއްޖޭގެ ވެރިކަން ފުރޮޅިގެންދާ މަންޒަރު ފެންނަމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ސަމީރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި މީހުން ދިރިއުޅެމުންދިޔަ ހުރިހާ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވެގެންދިޔައީ އޭރު އިދިކޮޅުގައި ތިބި މީހުން ސަރުކާރުގެ ބޮލުގައި އަޅަމުންދިޔަ ތުހުމަތުތަކެއްގެ ސަބަބުން ކަމަށް މެންބަރު ސަމީރު ވިދާޅުވިއެވެ.

މެންބަރު ސަމީރު ވިދާޅުވީ ރައްޔިތުންގެ ވޯޓާއެކު، ރައީސް ޑރ.މުހައްމަދު މުއިއްޒަށް ވެރިކަން ރައްޔިތުން ދިނީ ވަރަށް އުންމީދާއެކު ކަމަށެވެ. އަދި އެމަނިކުފާނުގެ އިހުލާސްތެރިކަމާއި، ތެދުވެރިކަމާއި އަދި ވަފާތެރިކަން ހުންނާނެކަމަށް ގަބޫލުކޮށް 20 ވަނަ ރައްޔިތުން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުން ދީފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުން އެކުރި އިތުބާރުގެ އެއްވެސް އަގެއް ނެތްކަން މިއަދު ގައުމުގައި ހިނގާކަންކަމުން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މެންބަރު ސަމީރު ވިދާޅުވީ ރޭގަނޑު ނިދާފަހުން ވެސް ޔައުމިއްޔާ ލިބިދާނެ ކަމަށާއި، އެޖެންޑާގައި އޮންނަ މަސައްކަތަށް ތައްޔާރުވެލުމަށް ވަގުތު ނުލިބޭ ކަމަށެވެ. މަޖިލީހުގެ މަސައްކަތްތައް ރާވާލާފައިވަނީ ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ބޭނުން މިސްރާބަކަށް ކަންތައްތައް ކުރިއަށް ގެންދެވޭ ގޮތަށް ކަމަށް މެންބަރު ސަމީރު ވިދާޅުވިއެވެ.

އެގޮތުން ރަނގަޅަށް ބަހުސް ކުރުމެއްނެތި، ދިރާސާ ކުރުމަކާނުލައި އަވަސް އަރުވާލާފައިވާ ބައެއް ގާނޫނުތައް ބަދަލުކޮށް، އިސްލާހުތައް ފާސްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނާ ގުޅުންހުރި ދެބިލެއް ތަސްތީގު ކޮށްފައިވާއިރު، ބިނާވެށި ބިލްގެ މަސައްކަތްތައް ކޮމެޓީގައި ކުރިއަށްދާ ކަމަށެވެ. ނަމަވެސް ކައުންސިލްތަކާއި، ކަމާގުޅުންހުރި ޖަމިއްޔާ ޖަމާއަތްތަކާއި ބައްދަލުކޮށް، މަޝްވަރާކުރުމަށް ސަރުކާރުގެ މެންބަރުން ދެކޮޅު ހަދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކައުންސިލަރުންގެ ކަންބޮޑުވުންތައް ވެސް އަޑު އަހަން އެބޭފުޅުން ބޭނުންނުވާ ކަމަށެވެ.

މެންބަރު ސަމީރު ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ ލާމަރުކަޒީ ނިޒާމު އެއްކޮށް ހަލާކުކޮށްލައި، ރައްޔިތުންގެ ބާރު ނެގުމަށް ކަމަށެވެ. އަދި މިހާރު ފެނިގެންދަނީ ރަސްކަމާ ދިމާލަށް ގައުމު ފުރޮޅިގެންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ ކަންބޮޑުވުންތައް ނެތި ފާސްކޮށްފި ކަމަށްވާނަމަ އަޅުގަނޑަށް ހަމަ ޔަގީންކަން އެބަ ލިބޭ ލާމަރުކަޒީ ގާނޫނުގެ ބާރު ކެނޑިގެން ގޮސް އަޅުގަނޑުމެންގެ ރައްޔިތުންގެ ގާތުން މިކުރާ ވެރިކަން ނިމުމަކަށް އައިސް އަނެއްކާ ވެސް ރަސްކަމަކާ ގާތަށް މިރާއްޖޭގެ ވެރިކަން ފުރޮޅިގެންދާ މަންޒަރު ފެންނާނެހެން ހީވަނީ.
ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު

މެންބަރު ސަމީރު ވިދާޅުވީ 20 ވަނަ މަޖިލީހުގައި ސަރުކާރުގެ މެންބަރުން ރައްޔިތުންގެ ހައްގުގައި ވަކާލު ކުރާ މަންޒަރު ނުފެންނާނެ ކަމަށެވެ.


Advertisement
- ކޮމެންޓް