ބްރެޒިލް ޤައުމީ ފުޓްބޯޅަ ޓީމްގެ އާ ކެޕްޓަނަކަށް މިޑްފީލްޑަރ ކަސެމީރޯ ހަމަޖައްސައިފިއެވެ.
ކަސެމީރޯއަށް ކެޕްޓަންކަން ދިނީ ޓީމްގެ ކެޕްޓަން ތިއާގޯ ސިލްވާ އަނިޔާގައި ހުރުމުންނެވެ. ވަރލްޑްކަޕަށްފަހު ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި ކެޕްޓަން ބޭންޑް އަޅާނީ މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރ ކަސެމީރޯއެވެ. ބްރެޒިލްއަށް ކުރިއަށް އޮތީ ރަހުމަތްތެރިކަމުގެ މެޗެއްގައި މޮރޮކޯއާ ވާދަކުރާ މެޗެވެ. ކެޕްޓަންކަން ހަވާލުކުރުމުން ކަސެމީރޯ ބުނެފައިވަނީ އޭނާ ތައްޔާރުކަމަށާއި, އަދި އޭނާއަށް ކުރި އިތުބާރަށް ޝުކުރު އަދާކުރާކަމަށެވެ. މިސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑުން ހޯދަމުންދާ ރަނގަޅު ނަތީޖާތަކުގައި ކަސެމީރޯގެ ދައުރު ބޮޑެވެ.
މިއީ ބްރެޒިލްގެ ކޯޗުކަމުން ޓީޓޭ ވަކިވުމުން ވަގުތީ ކޯޗު ރާމޮން މެނޭޒްސްގެ އިރުޝާދުގެ ދަށުން ކުޅޭ ފުރަތަމަ މެޗެވެ. ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާއަށް އަނިޔާވީ މިދިޔަ މަހު ޗެލްސީގެ ޕްރެކްޓިސްގައެވެ. އޭނާއަށް އެންމެ އަވަހަށްވެސް އެނބުރި އާދެވޭނީ އަންނަ މަހުގެ މެދުތެރޭގައެވެ.