ކ. މާލެ
|
3 ޖޫން 2024 | ހޯމަ 13:01
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ކަސެމީރޯ
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ކަސެމީރޯ
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ކަސެމީރޯ ހޯދުމަށް ސައުދީ ލީގުގެ ކުލަބުތަކުގެ ޝައުޤުވެރިކަން
ޔުނައިޓެޑާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 އަހަރުގެ ޖޫން މަހުގެ ނިޔަލަށް

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންސިވް މިޑްފީލްޑަރު ކެސެމީރޯ ހޯދުމަށް، ސައުދީ ޕްރޯ ލީގުގެ ކުލަބުތަކުން ޝައުޤުވެރިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑުގައި ހުރުމަށްފަހު އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ޔުނައިޓެޑަށް ލިބުނީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން އެ ކުލަބާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ، މި ސީޒަންގައި ކަސެމީރޯ އެ ކުލަބު ދޫކޮށްލާނެ އެވެ. އެހެން ނަމަވެސް، އެކަމާ މެދު އޭނާ ގޮތެއް ނިންމާނީ ލިބޭ ހުށަހެޅުންތަކަށް ބެލުމަށްފަހު ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބުތަކުން ކެސެމީރޯ ހޯދުމަށް ޝައުޤުވެރިވާ ކަމަށާއި، އެ ކުލަބުތަކުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޔުނައިޓެޑުގައި ހޭދަކުރާ ދެ ސީޒަންގައި ކަސެމީރޯ ވަނީ އެ ކުލަބަށް ކުޅެދިން 83 މެޗުގައި 12 ލަނޑު ޖަހައިފަ އެވެ. ޔުނައިޓެޑާ އެކު އޭނާ ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ ކަރަބޯ ކަޕް އަދި އެފްއޭ ކަޕް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް