ސަރުކާރުގެ ފަރާތުން، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލު މަޖިލީހަށް ބަލައިގަނެފިއެވެ.
އެ ބިލް މަޖިލީހަށް ބަލައިގަނެފައި ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި 59 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އެ ބިލް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓުދެއްވި މެމްބަރަކު ނެތެވެ. އަދި ބިލު ބަލައިގަތުމާއި މެދު ވަކި ގޮތަކަށް ވޯޓުދެއްވާފައިވާ މެމްބަރަކު ވެސް ނެތެވެ. އެހެންކަމުން އެ ބިލް ދިރާސާކުރުމަށް މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އަށް ވަނީ ފޮނުވާފައެވެ.
މަސައްކަތުގެ މާހައުލުގެ ރައްކަތެރި ކަމާއި ވަޒީފާ އަދާ ކުރާ މީހުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ބޭނުންވާ އޮނިގަނޑު އެކުލެވޭ މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުއެވެ. މި ބިލު، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު، އަހްމަދު އަބްދުﷲ އެވެ.
މި ބިލުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ލިބޭ ގެއްލުމަށް ބަދަލު ލިބޭ ނިޒާމެއް އެކުލަވާލުމަށް މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓުތަކާއި ހާދިސާތަކުގެ ސަބަބުން މަސައްކަތްތެރިންނާއި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެ ނޫން ވެސް ފަރާތްތަކަށް ލިބޭ އަނިޔާ އާއި ގެއްލުންތައް ރިޕޯޓުކޮށް މައްސަލަ ބަލާ ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމު ކުރުމަށް ވަނީ ހުށަހަޅާފައެވެ. ހަމައެހެންމެ މަސައްކަތުގެ މާހައުލަކީ ސިއްހީގޮތުން ރައްކާތެރިތަނެއްކަން ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އުސޫލުތައް ކަނޑައެޅުމަށް ވެސް އެ ބިލުގައި ވަނީ ހިމަނާފައެވެ. އަދި މަސައްކަތުގެ މާހައުލުން ދިމާވެދާނެ ބަލިތައް ކަނޑައަޅާ، އެފަދަ ބަލިތަކާއި އެ ނޫން ވެސް މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތަކާއި ގެއްލުންތަކުން އެފަދަ ފަރާތްތައް ރައްކާތެރިކުރުމުގެ އުސޫލުތައް ކަނޑައެޅުމަށް އެ ބިލުގައި ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ސިއްހަތާއި ސަލާމަތާއި ގުޅޭ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސްބުނުމުގެ ފުރުސަތު ހޯދައިދިނުމުގެ ނިޒާމެއް ގާއިމްކޮށްދިނުމަށް ވެސް މި ބިލުގައި ހިިމަނާފައިވެއެވެ.