ކ. މާލެ
|
11 މާރޗް 2023 | ހޮނިހިރު 10:55
ބާސެލޯނާގެ މިހާރުގެ ރައީސް ލަޕޯޓާ
ބާސެލޯނާގެ މިހާރުގެ ރައީސް ލަޕޯޓާ
ޓްވީޓަރ
ބާސެލޯނާ
ބާސެލޯނާ އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ އުފުލައިފި
މި ދައުވާގައި އެ ކުލަބަށް ފިޔަވަޅު އެޅުމަށާއި، އެ މުއްދަތުގައި ކުލަބު ހިންގަން ތިއްބެވި އިސްވެރިންނަށް ވެސް ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފަ

ފުޓްބޯޅައިގައި ސްޕެއިންގެ ގަދަ ބާރު ބާސެލޯނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްްސަލައިގައި އެ ކުލަބާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ.

ބާސެލޯނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ސްޕެނިޝް ލީގުގެ ރެފްރީސް ކޮމެޓީގެ ކުރީގެ ނައިބު ރައީސަކަށް ހުންނެވި އެންރީކޭޒް ނެގްރެއިރާގެ ހިއްސާ އޮންނަ ވިޔަފާރި ކުންފުންޏަކަށް ފައިސާ ދީފައިވާ މައްސަލަ އެވެ. އެ މައްސަލައިގައި ބާސެލޯނާ އަށް ތުހުމަތުތަކެއް ކުރެވުނީ ސްޕެއިންގެ މީޑިއާގައި އެކަން ރިޕޯޓުކުރުމުންނެވެ. އެ ރިޕޯޓުގައިވާ ގޮތުން ބާސެލޯނާ އިން ވަނީ އެ ކުންފުންޏަށް ނުވަ މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ޑޮލަރު ދީފަ އެވެ. އެއީ 2001 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދުގެ މުއްދަތެއްގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ ތުހުމަތުގައި މިހާރު ވަނީ ބާސެލޯނާގެ ކޯޓެއްގައި އެ ކުލަބާ ދެކޮޅަށް ދައުވާ އުފުލައިފަ އެވެ. އެ ދައުވާގައި ބުނަނީ ބާސެލޯނާގައި ނުގަވައިދުން މާލީ ފައިދާތަކެއް ހޯދުމަށް އޮޅުވާލުމާއި، ކޮރަޕްޝަންގެ އަމަލު ހިންގައިގެން ނާޖާއީޒް ފައިދާ ތަކެއް ހޯދަން އެ ކުލަބުން މަސައްކަތްކޮށްފައިވާ ކަމަށެވެ. މި ދައުވާގައި އެ ކުލަބަށް ފިޔަވަޅު އެޅުމަށާއި، އެ މުއްދަތުގައި ކުލަބު ހިންގަން ތިއްބެވި އިސްވެރިންނަށް ވެސް ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފަ އެވެ. އެ މުއްދަތުގައި ބާސެލޯނާގެ ރައީސް ކަމުގައި ތިން ބޭފުޅަކު ތިއްބެވި އެވެ. އެއީ މިހާރުގެ ރައީސް ޖޯން ލަޕޯޓާ އާއި ކުރީގެ ރައީސުން މާރިއާ ބާޓޮމެއުއާ އަދި ސަންޑުރޯ ރޮސޭލް އެވެ. ލަޕޯޓާ މިހާރު ހުންނެވީ ބާސެލޯނާގެ ރައީސްކަމުގެ ދެ ވަނަ ދައުރުގަ އެވެ.

މިކަމާ ގުޅިގެން ބޭރުގެ މީޑިއާތަކުން ބާސެލޯނާގެ ރައީސް ލަޕޯޓާގެ ބަހެއް ހޯދުމަށް ވަނީ މަސައްކަތްކޮށްފަ އެވެ. އެކަމާ ގުޅިގެން ލަޕޯޓާ ވިދާޅުވީ، ކުރެވޭ ތުހުމަތުތަކާއެކު ކުރިން ވެސް ދެންނެވި ފަދައިން ހިނގައިގެން އުޅޭ ކަންތައްތައް ހޯދުމަށް އެ ކުލަބުން މިނިވަން އޯޑިޓެއް ހިންގާނެ ކަމަށެވެ. ލަޕޯޓާ ވިދާޅުވީ ބާސެލޯނާ އިން އެއްވެސް ކަމެއް އޮޅުވާނުލާނެ ކަމަށާއި، ހުރިހާ މަރުހަލާއެއްގައި ދެވެން އޮތް އެންމެ ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

- ކޮމެންޓް