ސްޓެލްކޯއިން މިއަހަރު ޙައްޖާއި އުމްރާއަށް ދިއުމުގެ ފުރުސަތު ލިބޭ ހަތަރު މުވައްޒަފުން ހޮވައިފިއެވެ.
އެ ހަތަރު މުވައްޒަފުން ހޮވާފައިވަނީ އެ ކުންފުނިން ބުދަ ދުވަހުގެ ރޭ ކުޑަގިރީގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ނެގި ގުރުއަތުންނެވެ. އެގޮތުން ޙައްޖުގެ ފުރުސަތު ލިބޭ އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފެއް އަދި އުމްރާ ދަތުރު ލިބޭ ފިރިހެން މުވައްޒަފަކާއި އަންހެން މުވައްޒަފެއް ވަނީ ހޮވައިފައެވެ.
ސްޓެލްކޯގެ ޚަރަދުގައި ޙައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދާން ހުށަހެޅުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލީ ދެ ޖިންސު ވަކިންނެވެ. އެ ފުރުސަތުގައި ޝަރުތު ފުރިހަމަވެފައި ވަނީ 96 ފިރިހެން މުވައްޒަފުން އަދި އަންހެން 22 މުވައްޒަފުން ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އުމުރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 262 ފިރިހެން މުވައްޒަފުންނާއި 56 އަންހެން މުވައްޒަފުންނެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ދާން ފިރިހެން މުވައްޒަފުންގެ ތެރެއިން ހޮވުނީ ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ އަބްދުﷲ ޝަރީފެވެ. އަންހެން މުވައްޒަފަކަށް ހޮވުނީ ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓްގެ ހަދީޖާ ތައުފީގާ އެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް ދާން ހޮވުނު ފިރިހެން މުވައްޒަފަކީ ސާވިސް ސެންޓަރުގެ ޝާހުލް ހަމީދެވެ. އަންހެން މުވައްޒަފަކަށް ހޮވުނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ފާތިމަތު ރިޒްނާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އެ ކުންފުނީގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މީހުންނަށެވެ. އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް ފަސް އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.