ރޯދަ މަހާ ދިމާކޮށް އިސްލާމިކް މިނިސްޓްރީން މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފޭސްގެ އިމާރާތްކޮށްފައިވާ ވަގުތީ މިސްކިތް މަސްޖިދުލް އުސްމާން ބިން އައްފާންގައި ހަތް ދުވަސް ތެރޭގައި ޖާގަ ބޮޑުކުރުމަށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު މަސައްކަތް ފެށޭނެ ކަމަށާއި އިތުރު 500 މީހުންނަށް ނަމާދު ކުރެވޭވަރަށް މިސްކިތުގެ ޖާގަ އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އިސްލާމީ މަރުކަޒުގައި ކާޕެޓްތައް އައު ކުރާ ކަމަށާއި ސަފުތައް ގުޅޭގޮތަށް ކަފައިގެން އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިސްކިތު ފަންޑުން އެއްމިލިއަން ރުފިޔާ މާލެސިޓީގެ މިސްކިތްތައް މަރާމާތު ކުރުމަށް ކަނޑައަޅާފައިވާ އިރު އައްޑޫސިޓީއަށް އެއް މިލިއަން ރުފިޔާ، ފުވައްމުލަކަށް ހަތް ލައްކަ އަދި ކުޅުދުއްފުއްޓަށް ހަތް ލައްކަ ރުފިޔާގެ ހަމަޖައްސާފައިވާ ކަމަށެވެ.
އެކި ފަރާތްތަކުން މިސްކިތްތައް މަރާމާތު ކުރުމަށް މިނިސްޓްރީގައި އެދޭނަމަ ތަނަވަސްކަން ހުރި މިންވަރަކުން އެކަމަށް ވެސް އެހީތެރިވެދެއްވާނެކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން އިސްލާމީ މަރުކަޒަށް ދެ ހާފިޒުން ސަލްމާން މިސްކިތަށް ވެސް ދެ ހާފިޒުން ގެންނާނެ ކަމަށާއި ރޯދަ މަހަށް ސަރުކާރުން ފަސް ހާފިޒުން ހަމަޖައްސަވާ ކަމަށް ވިދާޅުވިއެވެ. ކައުންސިލުތަކުން އަމިއްލައަށް އިންތިޒާމުކޮށްގެން ވެސް ރޯދައިގެ ކުރިން ހާފިޒުން ގެންނަ ކަމަށް ވެސް ވިދާޅުވިއެވެ.
މިދިޔަ އަހަރު ހުޅުވި އުސްމާން ބިން އައްފާން މިސްކިތުގައި އެއް ފަހަރާ 600 މީހުންނަށް ނަމާދު ކުރެވެއެވެ. މި މިސްކިތުގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ދެ ވަނަ ވަގުތީ މިސްކިތެވެ. މި މިސްކިތް އިމާރާތްކޮށްފައި ވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއި ހަވާލު ކޮށްގެންނެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކޮށްފައިވާ މި މިސްކިތަށް 3.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.