ކ. މާލެ
|
27 ފެބްރުއަރީ 2023 | ހޯމަ 09:27
ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ނިޒާރު
ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ނިޒާރު
ރާއްޖެ އެމްވީ
ފޯ ނޭޝަންސް ކަޕް
ޤައުމީ އަންހެން ޓީމާއެކު ނިޒާރު ބޮޑު ފައިނަލަކަށް: އަމާޒު ހަމައެކަނި ތައްޓަށް
ސެމީ މެޗުން މޮޅުވުމަށްޓަކައި ކުރަން ޖެހުނު ގިނަ ކަންކަން ކުޅުންތެރިން ކުރި

ރާއްޖޭގައި މިހާރު ކުރިއަށް ދާ ފޯ ނޭޝަންސް ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގައި ސިންގަޕޫރާ ދެކޮޅަށް ނިކުންނައިރު، ހަމައެކަނި އަމާޒަކީ މުބާރާތުގެ ތަށި ކާމިޔާބު ކުރުން ކަމަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ނިޒާރު އިބްރާހީމް (ބޮޑޭ) ބުނެފި އެވެ.

ފޯ ނޭޝަންސް ކަޕަކީ ނިޒާރު ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ފަހުން ރާއްޖެ އިން ކުޅޭ ފުރަތަމަ މުބާރާތެވެ. ތިން ޤައުމު ވާދަކުރާ މުބާރާތުގެ ފައިނަލުން ރާއްޖެ އަށް ޖާގަ ލިބުނީ ސެމީ ފައިނަލްގައި މެލޭޝިޔާ މައްޗަށް ކުރި ހޯދައިގެންނެވެ. މުބާރާތަށް ނިކުތްއިރު ވެސް ރަން މެޑަލަށް އަމާޒު އޮތްކަން ހާމަހަކުރި ނިޒާރު ސެމީ މެޗަށްފަހު ބުނީ، އެ ޓާގެޓަށް ވާސިލްވެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. ނިޒާރު ބުނީ ސެމީ މެޗުން ފެނުނީ ރާއްޖެ އިން ފަރިތަކުރުންތަކުގައި މަސައްކަތް ކުރި ގޭމު ކުޅެވުންތަން ކަމަށެވެ. އޭނާ ބުނީ ސެމީ މެޗުގެ ކުރިން ކުޅުނު ދެ މެޗާއި، ސެމީ މެޗުގެ ތަފާތަކީ ރިސީވް ރަނގަޅުވެފައި، އެހެން މެޗުތަކަށް ވުރެ ހެދުނު ގޯސްތައް ވެސް މަދު ކަމަށެވެ. އެކަންކަމާއެކު ސެމީ މެޗުން މޮޅުވުމަށްޓަކައި ކުރަން ޖެހުނު ގިނަ ކަންކަން ކުޅުންތެރިން ކުރި ކަމަށެވެ.

މީގެ އިތުރުން ނިޒާރު ބުނީ، ޤައުމީ ޓީމެއްގެ ހެޑު ކޯޗުކަމުގައި މިއީ އޭނާ މަސައްކަތް ކުރާ ފުރަތަމަ ފަހަރު ކަމަށާއި، ފުރަތަމަ ފަހަރު ފައިނަލަށް ދެވުމުން އުންމީދު ކުރަނީ ތައްޓާއެކު މެޗުން ފައިބާން ކަމަށެވެ.

އަހަރެން ޤައުމީ ޓީމެއްގެ ކޯޗުކަމުގެ ދަށުން ފުރަތަމަ ފަހަރަށް ފައިނަލަށް މި ދެވުނީ. އިރާދަކުރެއްވިއްޔާ ފައިނަލުގައި ހަމަ އުންމީދު ކުރަނީ ތައްޓާއެކު ފައިބަން.
ނިޒާރު އިބްރާހީމް (ބޮޑޭ) / ޤައުމީ އަންހެން ޓީމުގެ ކޯޗު

އިތުރަށް ވާހަކަ ދައްކަމުން ނިޒާރު ބުނީ ފަރިތަކުރުންތަކުގައި އޭނާ އެންމެ ބޮޑު އިސްކަމެއް ދިނީ އެޓޭކުތަކާއި، ބްލޮކުތަކަށް ކަމަށެވެ. ނިޒާރު ބުނީ ލިބުނު ދުވަސްކޮޅާ ބަލާފައި، ޓީމުގެ އެޓޭކު އަދިވެސް އޭނާ ބޭނުންވާ ވަރަށް ނުކުރެވޭ ކަމަށާއި، ޓީމެއްގެ އެންމެ މުހިންމު އެކައްޗަކީ އެޓޭކު ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި، ކުރިއަށް އޮތް ފައިނަލް މެޗުގައި ވެސް އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

ދިވެހި ސަޕޯޓަރުންނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނިޒާރު ބުނީ، ބައެއް ޙާލަތްތަކުގައި ސަޕޯޓަރުންގެ ސަޕޯޓަކީ، ޓީމަށް ވަރަށް ބޮޑު ފައިދާ އަކަށް ވެސް ވާ ކަމަށާއި، އަނެއް ބައި ފަހަރު އެއީ ޕްރެޝަރަކަށް ވެސް ވެގެންދާ ކަމަށެވެ. އޭނާ ބުނީ ޕްރެކްޓިސް މެޗުތަކާއި، މިކަހަލަ މުބާރާތްތައް މަދުވާ ވަރަކަށް ބޮޑަށް އިޙުސާސް ވަނީ ސަޕޯޓަރުންގެ ސަޕޯޓަކީ ޕްރެޝަރެއް ކަމަށެވެ. ނިޒާރު ފާހަގަ ކުރި ގޮތުގައި ލޯކަލް މުބާރާތަކަށް ވުރެ، ޤައުމީ ޓީމު ކުޅޭ މެޗުތަކަށް މާ ގިނައިން ސަޕޯޓަރުން ވަދެ އެވެ. އެކަމުގެ ތެރެއިން ލިބޭ ސަޕޯޓާއި ހިތްވަރަކީ ބައެއް ފަހަރު ޕްރެޝަރުގެ ގޮތުގައި ވެސް އިޙުސާސްވާ ކަމަށް ނިޒާރު ބުންޏެވެ. އަނެއް ޙާލަތުގައި އެކަން ވަރަށް ބޮޑު ފައިދާ އަކަށް ވެގެންދާ ކަމަށް ވެސް ނިޒާރު ބުންޏެވެ.

ނަމަވެސް ނިޒާރު ބުނީ ކޯޓު މަތީގައި ހަތް ވަނަ މީހާ އަކީ ސަޕޯޓަރުން ކަމަށާއި، ސަޕޯޓަރުންނާ ނުލައި އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. ނިޒާރު ޤަބޫލު ކުރާ ގޮތުގައި އެއީ މުބާރާތް މަދުވުމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. އަދި ގިނަ ގިނައިން މުބާރާތްތައް ބާއްވާ ވަރަކަށް އެކަން ރަނގަޅުވަމުން އަންނާނެ ކަމަށް ވެސް ނިޒާރު ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ވޮލީގެ މުސްތަޤުބަލަށް ވިސްނާއިރު، ގިނަ ގިނައިން މިކަހަލަ މުބާރާތްތައް ބޭއްވުމަކީ އޭގެ ހެޔޮ އަސަރު ރާއްޖޭގެ ޓީމުތަކަށް ކުރާނެ ކަމެއް ކަމަށެވެ. ނިޒާރު ދެކޭ ގޮތުގައި ކުރިމަގަށް ރާއްޖެ އިން ފަށައިގެން އުޅެނީ ވަރަށް ރަނގަޅު ފެށުމެކެވެ. ނިޒާރު ދެކޭ ގޮތުގައި ރާއްޖޭގެ އަންހެން ޓީމަކީ ދުރާލާ ކުރެވޭ މަސައްކަތުން ކާމިޔާބީތަކެއް ހޯދޭނެ ފެންވަރުގެ ޓީމެކެވެ.

ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަންގައި ރާއްޖެ އާއި ސިންގަޕޫރު ކުޅޭ މެޗު ފަށާނީ ހޯމަ ދުވަހުގެ ރޭ 20:30 ގައެވެ.

- ކޮމެންޓް