ކ. މާލެ
|
24 ފެބްރުއަރީ 2023 | ހުކުރު 08:28
އިންޓަނެޓް ބޭންކިންގ
އިންޓަނެޓް ބޭންކިންގ
މޯލްޑިވްސް ޕޮލިސް ސާރވިސް
ފުލުހުން
އިންޓަނެޓް ބޭންކިންގ ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދާ މައްސަލަތަކެއް، ސަމާލުވޭ!
އީމެއިލް ޕާސްވޯޑާއި އިންޓަނެޓް ބޭންކިންގ ޕާސްވޯޑް ބަދަލުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ފުލުހުން އިލްތިމާސްކުރޭ
ޓޫ ފެކްޓަރ އޮތެންޓިކޭޝަން ފީޗަރސްތައް ބޭނުންކުރުމާއި، ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި އެއް ޕާސްވޯޑެއް ގިނަ އެކައުންޓްތަކުގައި ބޭނުން ނުކުރުމަށް އިލްތިމާސްކުރޭ

އިންޓަނެޓް ބޭންކިންގ ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު ތަފާތު ގޮތްތަކަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މައްސަލަތަކެއް ހުށަހަޅާތީ ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ އިންޓަނެޓް ބޭންކިންގ ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު، އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފަރ ކުރަމާއި އިންޓަނެޓް ބޭންކިންގ އެޕްލިކޭޝަން ބޭނުންކޮށްގެން އެކި ފިހާރަތަކުން ކިޔުއާރު ސްކޭން މެދުވެރިކޮށް މޯބައިލް ފޯނާއި އިލެކްޓްރޯނިކް ޑިވައިސް އާއި ތަފާތު މުދާ ގަނެފައިވާކަމަށެވެ. މިގޮތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ލޮގްއިން ކްރެޑެންޝަލްސް ކޮމްޕްރޮމައިޒް ވެފައިހުންނަ ގޮތްތައް ތަހުގީގުތަކަށް ފާހަގަކުރެވިފައި ވާކަމަށާއި އެގޮތުން އެކި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ ނަމުގައި އޮޅުވާލައިގެން އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ ޕިޝިންގ، ލިންކުތަކަށް ވަދެ އެ މައުލޫމާތުތައް ހިއްސާކުރުމަށް އެދިފައި ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.  

މި ގޮތަށް ފޮނުވާ ލިންކުގެ ބޭނުމަކީ އީމެއިލް އެޑްރެސް ކޮމްޕްރޮމައިޒް ކޮށްލުންކަން ފުލުހުން ފާހަގަކުރިއެވެ. އެގޮތުން ފޮނުވާ ލިންކަށް ފިތާލުމުން އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖެހުމަށް އަންނަކަމަށާއި އެ މައުލޫމާތު ފުރިހަމަކޮށްފިނަމަ އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ސްކޭމް ހިންގާފަރާތްތަކަށް އެނގިގެންދާ ކަމަށް ވަނީ ބުނެފައެވެ.

މިބާވަތުގެ ލިންކުތައް، ކުށްކުރާ މީހުން އެކި މުއައްސަސާގެ ނަމުގައި ތައްޔާރުކުރާކަން ފާހަގަކޮށް ފުލުހުން ބުނީ ފޮނުވާ ލިންކަށް ފިތާލުމުން ހުޅުވޭ ވެބްސައިޓަކީ ސައްހަނޫން ސައިޓެއްކަން ދެނެގަންނާނެ ގޮތް ގިނަ މީހުންނަށް ނޭނގި އަދި އެ ވެބްސައިޓަކީ ސައްހަ ވެބްސައިޓެއްކަމަށް އިތުބާރުކޮށް ލޮގްއިން ކުރަން ބޭނުންކުރާ މައުލޫމާތުދެވިފައި ހުންނަކަން ފާހަގަކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން، އިންޓަނެޓް ބޭންކިންގ ރަޖިސްޓްރީ ކުރުމަށްޓަކައި ބޭންކަށް ދީފައިވާ އީމެއިލް އެޑްރެސް ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެކައުންޓްތައް ހެދުމާއި، އީ ކޮމަރސް ވެބްސައިޓުތަކުގައި ރަޖިސްޓްރީކުރުމާއި، އެނޫންވެސް އޮންލައިން ގިނަ ސަރވިސްތަކެއްގައި އެއް އީމެއިލް އެޑްރެސްއެއް މެދުވެރިކޮށް ރަޖިސްޓްރީ ކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މިގޮތަށް އޮންލައިން ސަރވިސްތަކުގައި ރަޖިސްޓްރީކުރާއިރު ގިނަ ފަހަރު އީމެއިލް އެޑްރެސް އަދި ޕާސްވޯޑް ޖަހަންޖެހުމުން، އެ ޚިދުމަތްތަކުގައިވެސް އަސްލު އީމެއިލްގެ ޕާސްވޯޑް ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށާއި ސެކިއުރިޓީ ފީޗަރސް އެކްޓިވޭޓްކޮށް ރައްކާތެރިކަމުގެ ގޮތުން އެޅެން ހުންނަ ފިޔަވަޅުތައް ސެކިއުރިޓީ ސެޓިންގްސް ކޮންފިގަރ ކޮށްފައި ނުހުންނަކަން ފާހަގަކުރެފައިވާ ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ.  

އާންމުކޮށް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގެ (ފޭސްބުކް ޓުވިޓަރ، އިންސްޓަރގްރާމް) ޑޭޓަރ ބްރީޗްތަކުގައި ވެސް ދިވެހިރާއްޖޭގެ އެތައް ބައެއްގެ ޑޭޓާ މިހާރުވެސް އިންޓަނެޓްގައި ލީކުވެފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ މިފަދަ ހާދިސާތައް ހިނގުމުން، މިއީ ކިހިނެއް ހިނގާ ކަމެއްކަން ގިނަ މީހުންނަށް އެނގިފައެއް ނުހުންނަ ކަމަށެވެ. އަދި އެފަދަ އެޕްލިކޭޝަންތައް ބޭނުންކުރަމުންދާއިރު އެ އެޕްލިކޭޝަންތަކުންވެސް ޕާސްވޯޑް ބަދަލުކުރުމަށް އާންމުކޮށް އަންގައި އިއުލާނުކުރާއިރުވެސް ހަނދާންނެތި ނުވަތަ އެހެން ސަބަބަކާ ލައިގެން ނަމަވެސް އެކަން ނުކޮށް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.

ބައެއް މައްސަލަތަކުގައި، އީމެއިލް އެކައުންޓުގެ ޕާސްވޯޑް މެނޭޖަރގައި އިންޓަނެޓް ބޭންކިންގ ޔޫސަރ ނޭމާއި ޕާސްވޯޑް ސޭވްކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން މި މައުލޫމާތު ސޭވްކުރެވިފައިވާނަމަ އީމެއިލް ކޮމްޕްރަމައިޒް ވުމުން ސްކޭމް ހިންގާ މީހުންނަށް އެ މައުލޫމާތު ލިބިގެންދާކަން ވެސް ފުލުހުން ފާހަގަކުރެއެވެ. އަދި އަމިއްލަ ޑިވައިސް ނޫން އެހެން ޑިވައިސްތަކުން (އިތުބާރު ނުހިފޭ ޑިވައިސްއަކުން) އިންޓަނެޓް ބޭންކިންގ އަދި އީމެއިލް ސަރވިސްތަކަށް އެކްސެސްވެ އެފަދަ ޑިވައިސްތަކުގެ ބްރޯޒާގައި ޕާސްވޯޑް ސޭވްކުރެވިފައި ހުންނަކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިންތިޒާމްވެގެން މިފަދަ އަމަލުތައް ހިންގާ މީހުން ހޯދުމަށްޓަކައި މިހާތަނަށް ގިނަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާއިރު މިހާރުވެސް މިފަދަ ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން އެ މުއައްސަސާއިން ބުންޏެވެ. އެހެންކަމުން އިންޓަނެޓް ޚިދުމަތްތައް ހޯދައި ލިބިގަތުމުގައި ބޭނުންކުރާ އީމެއިލް އެޑްރެސް އަދި ޕާސްވޯޑުތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުވެ، ޓޫ ފެކްޓަރ އޮތެންޓިކޭޝަން ފީޗަރސްތައް ބޭނުންކުރުމާއި، ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި އެއް ޕާސްވޯޑެއް ގިނަ އެކައުންޓްތަކުގައި ބޭނުން ނުކުރުމަށް އެ މުއައްސަސާއިން ވަނީ އިލްތިމާސްކުރެއެވެ.

މިފަދަ މައްސަލަތަކުގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިހާރުވެސް ގިނަ އީމެއިލް އެޑްރެސްތަކެއް ކޮމްޕޮމައިޒްވެފައި ހުރިކަން ފާހަގަ ކުރެވޭތީ އީމެއިލް ޕާސްވޯޑާއި އިންޓަނެޓް ބޭންކިންގ ޕާސްވޯޑް ބަދަލުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް