ކ. މާލެ
|
22 ފެބްރުއަރީ 2023 | ބުދަ 07:05
މަތިވެރިން ގެއްލިގެން ހޯދާ ހަސަންފުޅު
މަތިވެރިން ގެއްލިގެން ހޯދާ ހަސަންފުޅު
ހަސަންފުޅު ހޯދުމުގެ މަސައްކަތް
ހަސަންފުޅު ހޯދަން މަތިވެރިން 157 ގަޑިއިރުގެ ސީސީޓީވީ ފޫޓޭޖް އަދި މާލޭގެ ފުޓޭޖްތައް ވެސް ބަލައިފި
ހަސަންފުޅު އެންމެފަހުން ފެނުނީ ޖަނަވަރީ 31 ވަނަ ދުވަހުގެ 9:30 އެހާކަންހާއިރު ރަށުގެ ފިހާރައަކަށް ވަދެ ނުކުމެގެންދާ ތަން

އއ. މަތިވެރިން ގެއްލިގެން ހޯދާ ރިވެލި، ހަސަން އަލީ (މަތިވެރީ ހަސަންފުޅު) ހޯދުމަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން މަތިވެރިން 157 ގަޑިއިރުގެ ސީސީޓީވީ ފޫޓޭޖް އަދި މާލޭގެ ފުޓޭޖްތައް ވެސް ބަލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ފޫޓޭޖްތަކުން ހަސަންފުޅު އެންމެ ފަހުން ފެނިފައި ވަނީ 2023 ޖަނަވަރީ 31 ވަނަ ދުވަހުގެ 9:30 އެހާކަންހާއިރު ރަށުގެ ފިހާރައަކަށް ވަދެ ނުކުމެގެންދާ މަންޒަރު ކަމަށެވެ. އަދި އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ފުލުހުންގެ އެކި އިދާރާތަކުން ކޮށްފައިވީ ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން އޭނާ ހޯދުމަށްޓަކައި އެރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކާއި، ފަޅު ގޯތިތަކާއި، ގެވަޅު އަދި ހުސްބިންތަކާއި ރަށުގެ ހިންގާ ހުރިހާ ގެސްޓްހައުސްތަކާއި ކެފޭ ރެސްޓޯރެންޓް އަދި ރަށުގެ ހޭޅިފަށާއި، ގޮނޑުދޮށާއި، ވަލުތެރެ ހިމެނޭހެން ރަށުގެ ހުރިހާ ސަރަހައްދާއި ވަޅުފަދަ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށާއި އޮޑިދޯނިތައް ބަލާ އޭނާ އާންމުކޮށް ގޮސްއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ގޮސްއުޅޭ ގޭގޭގެ މީހުންނާވެސް ސުވާލުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރަށް ފަޅުތަކާއި މަތިވެރި ކައިރީގައިވާ ރަށްތަކުގެ ފަޅުތައް ބަލާ ވައިގެ މަގުން ދަތުރުކޮށްފައި ވޭތޯވެސް ބަލާފައިވާ ކަމަށް ބުންޏެވެ.

ތަހުގީގަށް މިހާތަނަށް 199 މީހުންގެ ފަރާތުން މައުލޫމާތު ސާފުކޮށް 29 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށާއި ނަމަވެސް އޭނާ އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އުމުރުން 73 އަހަރުގެ ޙަސަން އަލީ ނުވަތަ ހަސަންފުޅުބެގެ ހަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް މަތިވެރި މީހުން ފެށީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގައެވެ. އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ގާތްގަނޑަކަށް އެދުވަހު ހެނދުނު 9:35 ހާއިރު އާއިލާއިންނެވެ. އެއާއެކު ހަސަންފުޅުބެގެ އާއިލާއާއި ރަށު ކައުންސިލާއި، މުއައްސަސާތަކާއި އަދި ރަށުގެ ކުދިބޮޑު އެންމެން ހަސަންފުޅު ހޯދުމަށް ނުކުތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް