ކ. މާލެ
|
21 ފެބްރުއަރީ 2023 | އަންގާރަ 23:00
ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
މޯލްޑިވްސް ޓައިމްސް
ދެލައްކައަށްވުރެ ގިނަ ރުފިޔާގެ ވައްކަން
ކިއުއާރް ކޯޑް ސްކޭން މެދުވެރިކޮށް ދެލައްކައަށްވުރެ ގިނަ ރުފިޔާގެ މުދާ ގަތް ދެމީހަކު ފުލުހުން ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީިހެއް

އިންޓަރނެޓް ބޭންކް ކްރެޑެންޝިއަލް ކޮމްޕްރަމައިޒް ކުރުމަށްފަހު، އިންޓަރނެޓް ބޭންކިންގ އެޕްލިކޭޝަން ބޭނުންކޮށްގެ ކިއުއާރް ކޯޑް ސްކޭން މެދުވެރިކޮށް -/200،000 (ދެލައްކަ)ށްވުރެ ގިނަ ރުފިޔާގެ މުދާ ގަނެފައިވާ މައްސަލައެއްގައި މި މަހު 18 ވަނަ ދުވަހު ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީިހެއް ކަމަށެވެ. އަދި އެ ދެ މީހުންގެ ބަންދަަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާކަމަށެވެ.

މި މައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން ދާކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން މި މައްސަލަ ތަހުގީގުކުރަމުންދާއިރު، ކިޔުއާރް ކޯޑު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ ލިމިޓްކޮށްފައެވެ.

ބީއެމްއެލްއިން އަންގާރަ ދުވަހު ބުނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ބޭންކުގެ މޯބައިލް ވޮލެޓް މެދުވެރިކޮށް ކިޔުއާރް ކޯޑު ބޭނުންކޮށްގެން ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަގަކީ 750 ރުފިޔާ ކަމަށެވެ. ކުރިން މިފަދަ މުއާމަލާތްތަކުގައި ބޭންކުން ވަކި ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ.

ބޭންކުން ބުނެފައިވާގޮތުގައި ކޮންމެ މުއާމަލާތަކަށް 750 ރުފިޔާގެ ލިމިޓެއް ކަނޑައަޅާފައިވާއިރު، ދުވާލެއްގެ މައްޗަށް ކޮންމެ ކަސްޓަމަރަކަށްވެސް ކުރެވޭނީ ގިނަވެގެން 10 މުއާމަލާތެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް ކިޔުއާރް ކޯޑު ބޭނުންކޮށްގެން 7،500 ރުފިޔާގެ މުއާމަލާތު ކުރެވޭނެއެވެ.

ބޭންކުން މައުލޫމާތު ދޭ ގޮތުގައި މި ބަދަލު ގެނައީ ކިޔުއާރު ޕޭމަންޓުތައް މަދު ކުރުމުގެ މަގުސަދުގައެވެ. ނަމަވެސް ބައެއް ނޫސްތަކުން ރިޕޯޓްކުރާގޮތުގައި މިއީ އޮޅުވާލައިގެން ހިންގާ ސްކޭމް ޓްރާންސެކްޝަންތަކުން ކަސްޓަމަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް