ކ. މާލެ
|
20 ފެބްރުއަރީ 2023 | ހޯމަ 21:40
ބީއެމްއެލްގެ އެއްވެސް ކަސްޓަމަރެއްގެ މައުލޫމާތު އާންމުވެފައި ނުވާނެކަމަށް އެ ބޭންކުން ބުނޭ --
ބީއެމްއެލްގެ އެއްވެސް ކަސްޓަމަރެއްގެ މައުލޫމާތު އާންމުވެފައި ނުވާނެކަމަށް އެ ބޭންކުން ބުނޭ --
ބީއެމްއެލް
ކަސްޓަމަރެއްގެ އެއްވެސް މައުލޫމާތެއް އާންމުވެފައެއް ނުވާނެ: ބީއެމްއެލް
ބީއެމްއެލްއިން އެންމެ އިސްކަމެއް ދެނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް

ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެހެން އެއްވެސް މައުލޫމާތެއް ވެސް އާންމުވެފައި ނުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން މިހެން ބުނެފައިވަނީ ސޯޝަލް މީޑިއާގައި އެ ބޭންކުގެ ކާޑުތަކުގެ މައުލޫމާތު ހާމަވެފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކައާ ގުޅިގެންނެވެ. އެ ބޭންކުގެ ކަސްޓަމަރެއްގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެެހެން އެއްވެސް މައުލޫމާތެއް ވެސް އާންމުވެފައި ނުވާނެކަމުގެ ޔަގީންކަން އެ ބޭންކުން ދެއެވެ.

ބީއެމްއެލްއިން ބުނީ އެހެން ނަމަވެސް ބައެއް ފަހަރަށް ސްކޭމް ހިންގާ ފަރާތްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރޗަންޓުންނާއި އީކޮމާސް މާރޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަދެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތައް ވަގަށް ނަގާ ކަމަށެވެ. މިފަދަ ގޮތަކަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި ދުނިޔެއަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަކަށް އަސަރުކުރާ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ ކަސްޓަމަރުން ރައްކާތެރިކުރުމަކީ ބޭންކުން އެންމެ އިސްކަންދޭ ކަމަކަށް ވީ ހިނދު، ބޭންކުން އަންނަނީ ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެފަދަ އަމަލެއް ހިނގަމުންދޭތޯ އަބަދުވެސް މޮނީޓާކުރަމުން ކަމަށެވެ. އެ ގޮތުން ކާޑުތަކުގެ މައުލޫމާތު ހާމަވެ، ކާޑުތަކުން މުއާމަލަތްތަކެއް ހިނގައިފައިވާ ގޮތަށް ބަލާއިރު ބައެއް ކަސްޓަމަރުންގެ ކާޑުތަކުން ވަނީ މުއާމަލާތްތަކެއް ހިންގައިފައި ކަމަށާއި ބޭންކުން ވަނީ އެ ކާޑުތައް ބްލޮކްކޮށްފައި ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ. އަދި ކާޑު ހެއްދުމަށް އެއްވެސް ފީއަކާ ނުލައި އާ ކާޑު ހެދުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން، މަރޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، އަދި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެފައިވެއެވެ. އަދި ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ކަސްޓަމަރުންނަށް ރީފަންޑު ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް