ފަނޑިޔާރުންނަށް ފްލެޓު ނުލިބޭ މައްސަލައިގައި އިހުތިޖާޖަށް ނުކުންނެވުމަށް ގޮވާލެއްވުމާއި ގުޅިގެން ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމްގެ ސުކޫލީ މައްސަލައެއް ޖުޑީޝަލް ސަރވިިސް ކޮމިޝަން (ޖޭއެސްސީ) އިން ތަޙުޤީޤުކޮށް، ގާޒީއަށް ނަސޭޙަތް ދިނުމަށް ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން ޖޭއެސްސީން ބުނެފައިވަނީ، ގާޒީ ނައީމު ފަނޑިޔާރުންގެ ސޯޝަލް މީޑިއާ ގްރޫޕެއްގައި ފޮނުވާފައިވާ މެސެޖެއްގައި، ފަނޑިޔާރެއްގެ ސުލޫކާ ޚިލާފުވާފަދަ ބަސްތަކެއް ބޭނުން ކުރައްވާފައިވާ ކަމަށެވެ. އެ މައްސަލަ ކޮމިޝަނުން އިސްނަގައިގެން ބަލާ ޝަކުވާއެއްގެ ގޮތުގައި ތަހުޤީޤުކުރުމަށް ނިންމީ 2022 އޭޕްރީލް 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ޖަލްސާގައެވެ.
ޖޭއެސްސީން ބުނީ، ގިނަ އަދަދެއްގެ ފަނޑިޔާރުން ހިމެނޭ، ފަނޑިޔާރުންގެ މެދުގައި ހިންގާ ވައިބަރ ގްރޫޕެއްގައި، ފޮނުއްވި މެސެޖްތަކަކީ ފަނޑިޔާރު ލިޔެ އެ ގްރޫޕަށް ފޮނުއްވި މެސެޖްތަކެއްކަމަށް ޤާޟީ އަލްއުސްތާޛު މުޙައްމަދު ނަޢީމް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ގާޒީ ނައީމު ވިދާޅުވެފައި ވަނީ އުއްތަމަ ފަނޑިޔާރާއި ޖުޑިޝަރީގެ ވެރިންގެ "ކަރު ބުޑުގައި ރަހަލާ ވަރުކޮށްގެން" މެނުވީ ކަންކަން ރަނގަޅު ނުވާނެ ކަމަށެވެ. އެގޮތުން ގާޒީ އެހެން ވިދާޅުވެފައިވަނީ އެޗްޑީސީގެ މުވައްޒަފުންނަށް ދައުލަތުން ފްލެޓް ދިނުމަށް ނިންމުމާއި ގުޅޭ ޚަބަރެއް އެ ގްރޫޕަށް އެހެން ފަނޑިޔާރަކު ޝެއަރ ކުރެއްވުމުންނެވެ.
ގާޒީ ނައީމު ވަނީ ހިތްވަރެއް ހުރިނަމަ އިހުތިޖާޖަށް ނުކުންނެވުމަށް ގޮވާލައްވާފައެވެ.
ޤާޟީ އަލްއުސްތާޛު މުޙައްމަދު ނަޢީމް ފޮނުއްވި މި މެސެޖުތަކުގެ ބަސްމަގު ހުރިގޮތުން، ވެރިންނަށް ކުރަން ޖެހޭ އަދަބު އިޙުތިރާމު ކަނޑުވައިލެވި ގަދަރު ކުޑަކުރެވިފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.
ޑްރަގް ކޯޓުގެ ގާޟީ އަލްއުސްތާޛު މުޙައްމަދު ނަޢީމްގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ)ގެ 9 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.1 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން، ޑްރަގް ކޯޓުގެ ގާޟީ އަލްއުސްތާޛު މުޙައްމަދު ނަޢީމަށް ނަޞޭޙަތްދިނުމަށް ފެންނަކަމަށް 2023 ފެބްރުއަރީ 19 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 13 ޖަލްސާގައި ވަނީ ނިންމަވާފައެވެ.