ކ. މާލެ
|
20 ފެބްރުއަރީ 2023 | ހޯމަ 08:32
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
ދ.ޖުޑީޝަލް ދާއިރާ
ދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ސަސްޕެންޑުކުރަން ނިންމައިފި
މި މައްސަލައަކީ ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމާގުޅޭ މައްސަލައެއް
މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 2 ހަފްތާއަށް ވަނީ ސަސްޕެންޑު ކޮށްފައި

ދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު އާމިރު ސަސްޕެންޑުކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން އޭނާއާ ގުޅޭގޮތުން ބަލާފައިވާ މައްސަލައަކީ ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމާގުޅޭ މައްސަލައެކެވެ.

ޖޭއޭސްސީން މައުލޫމާތު ދޭ ގޮތުގައި ކޮމިޝަނުން މި މައްސަލަ ބަލާފައިވަނީ ދ.ކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކުރުމަށް އެދި ދ.ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ހުށަހެޅިއިރު ދޮގު މަޢުލޫމާތު ދިނުމާއި، ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާތީއެވެ.

އަދި ދައުލަތުގެ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމަކީ، ކޮށްގެންވާނެ ޢަމަލެއް ކަމަށް ގަބޫލުނުކުރެވޭތީ އާއި، މިއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުން ކަމަށް ތަޚްޤީޤަށް ފެންނަކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު އާމިރުގެ މި ޢަމަލަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށް ޖޭއެސްސީން ބުނެއެވެ.

ވުމާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު އާމިރު ވަޒީފާގެ މަސައްކަތަށް ނުކުތުން 2023 ފެބުރުވަރީ 19 ވަނަ ދުވަހުން ފެށިގެން 2 (ދޭއް) ހަފްތާއަށް މަނާކުރުމަށް ފެންނަކަމަށް 2023 ފެބްރުއަރީ 1 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 09 ޖަލްސާގައި ވަނީ ނިންމަވާފައެވެ.

- ކޮމެންޓް