ކ. މާލެ
|
15 ފެބްރުއަރީ 2023 | ބުދަ 10:18
ދިވެހި ފުލުހުންގެ ހިދުމަތް
ދިވެހި ފުލުހުންގެ ހިދުމަތް
ޕޮލިސް
ފުލުހުންގެ އިދާރާއިން މައުލޫމާތު ލީކުވުން
ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެކީގެ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ފުލުހުން
އެ މަސައްކަތްތައް ކުރަނީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް
ފުލުހުންގެ އިދާރާއިން ހެކިތަކާއި، މައްސަލަތަކާ ގުޅޭ މައުލޫމާތު ލީކުވާ ވާހަކަ ދޭތެރެ ދޭތެރެއިން ފެންމަތިވޭ
ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ މަރުވި އެކްސިޑެންޓުގެ މަންޒަރު ފެންނަ ވީޑިއޯވެސް ވަނީ ލީކުވެފައި

ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ފުލުހުންގެ ޚިދުމަތަށް އޮންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައިވަނީ ދިވެހި ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާ ބަތަލާ އައިމިނަތު ރިޝްފާ ކުރި ތުހުމަތުތަކަކާއި ގުޅިގެން ރާއްޖެއެމްވީން ސުވާލު ކުރުމުންނެވެ.

ރިޝްފާ ބުނެފައިވާ ގޮތުގައި ނޮވެމްބަރު 2022ން ފެށިގެން ޑިސެމްބަރު 2022ށް އޭނާގެ ފޯނު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެއީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން އޭނާ ހައްޔަރުކުރިއިރުއެވެ.

އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާގެ ފޯނު އޭރު ގެންދިޔަ ފަހުން އޭނާގެ ޒާތީ ފޮޓޯތަކާއި ވީޑިއޯތައް ލީކުވެފައިވާކަމަށް ބުނެފައެވެ. އޭނާގެ ޕޯސްޓަށް ކޮމެންޓު ކުރި ބައެއް ފަރާތްތަކުންވެސް ވަނީ ފުލުހުންގެ ތެރެއިން އެކަން އެގޮތަށް ހިނގާކަމަށް ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ފުލުހުން ބުނީ، ފުލުހުންގެ ބެލުމުގެ ދަށަށް ހެކީގެ ގޮތުގައި ގެނެވޭ ތަކެތި ގެންގުޅުމާއި ބެލެހެއްޓުމުގައި ޢަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ.

އަދި އެ މަސައްކަތްތައް ކުރަނީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ޚިދުމަތަށް އޮންނަކަމަށްވެސް ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވެއެވެ. އެގޮތުން ފޮރެންސިކް ލެބޯރަޓަރީގެ މަސައްކަތްތައް ތަރުތީބުކުރެވިފައި ހުންނާނީ ޕްރައިވެސީ ރައްކާތެރިކޮށްދެވޭ ގޮތަށްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ އިދާރާއިން ހެކިތަކާއި، މައްސަލަތަކާ ގުޅޭ މައުލޫމާތު ލީކުވާ ވާހަކަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެގޮތުން ދާދި ފަހުން ފެންމަތިވި މައްސަލައަކަށް ބަލާއިރު، ސިނަމާލެ ބްރިޖްގައި ސައިކަލަކާއި ކާރެއް ޖެހި، ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) މަރުވި އެކްސިޑެންޓުގެ މަންޒަރު ފެންނަ ވީޑިއޯވެސް ވަނީ ލީކުވެފައެވެ.

އެ ވީޑިއޯ އާންމުކޮށްފައިވަނީ ސޯޝަލް މީޑިއާގައި ހިންގާ ޕޭޖަކުންނެވެ.

ވީޑިއޯއިން ފެންނަނީ ޓްރެފިކް ލައިޓުން ފެށިގެން ބްރިޖާ ވީކޮޅަށް 3 ވަނަ ހުރި ހޮޅިދަނޑީގައި ހަރުކޮށްފައިވާ ފުލުހުންގެ ކެމެރާގެ ފުޓޭޖެކެވެ. ވީޑިއޯގެ އެއް ކަނެއްގައި، (321 އެއާޕޯޓް- އައިއެންޓީ) ޖަހާފައި އޮވެއެވެ.

ފުލުހުންގެ ކެމެރާއެއްގެ ފުޓޭޖެއް ސޯޝަލް މީޑިއާގެ ޕޭޖަކުން ލީކުވީ ކިހިނެއްތޯ ނޫސްވެރިން ސުވާލުވެސް ކުރިއެވެ. އޭރު ފުލުހުން ބުނެފައިވަނީ، ފުލުހުންގެ ސީސީޓީވީ ކެމެރާ ފުޓޭޖުގެ އެކްސެސް ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޝަންގެ ވަރަށް ގިނަ މުވައްޒަފުންނަށް އޮންނަ ކަމަށެވެ. ނަމަވެސް ވީޑިއޯ އާންމުވި ގޮތް ބަލައި ފިޔަވަޅު އަޅާނެ ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް