ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލް ޣަނީ (އަކޫ) އާއި މިޑްފީލްޑަރު އުމެއިރު މުޙައްމަދު ވިކްޓްރީ ސްޕޯޓްސް ކުލަބަށް ސޮއިކޮށްފި އެވެ.
ޤައުމީ ކެޕްޓަން އަކޫ އެންމެ ފަހުން ހުރީ މާޒިޔާގަ އެވެ. ނަމަވެސް މާޒިޔާ ދޫކޮށް އަކޫ އޭނާގެ ކުރީގެ ކުލަބް ވިކްޓްރީ އަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މީގެ އިތުރުން އުމެއިރު ވެސް އޭނާގެ ކުރީގެ ކުލަބަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށް މަސައްކަތް ކުރަމުން އަންނަ ވިކްޓްރީން މި ސީޒަނަށް ހޯދި ފުރަތަމަ ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ވެސް ނަން މަޝްހޫރު އެހެން ކުޅުންތެރިން އެ ޓީމާ ގުޅޭނެ ކަމަށް ވިކްޓްރީން ބުނެ އެވެ. މީގެ ކުރިން 2012 ވަނަ އަހަރު އަކޫ އާއި އުމެއިރު ވެސް ވަނީ ވިކްޓްރީ އަށް ކުޅެފަ އެވެ.
ފުރަތަމަ ޑިވިޝަންގައި ގިނަ ކުލަބުތަކަށް ކުޅެފައިވާ އުމެއިރު އެންމެ ފަހުން ކުޅުނީ ކުލަބް ވެލެންސިއާ އަށެވެ. އެ ކުލަބުގެ އިތުރުން އޭނާ ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ވީބީ ސްޕޯޓްސް ކުލަބް، ކުލަބް ގްރީން ސްޓްރީޓްސް އަދި ނިއު ރޭޑިއަންޓަށް ވެސް ކުޅެފަ އެވެ. އުމެއިރު އޭނާގެ ފުޓުބޯޅަ ކެރިއަރު ފެށީ ވެސް ވިކްޓްރީންނެވެ. މިދިޔަ ސީޒަންގައި މާޒިޔާ އަށް ކުޅުނު އަކޫ އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެލެންސިއާ އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ނިއު ރޭޑިއަންޓާއި ވީބީ އައްޑޫ އެފްސީ، މާޒިޔާ، ވެލެންސިއާ، ޓީސީ ސްޕޯޓްސް ކުލަބް އަދި ކުލަބް އީގަލްސް އަށް ކުޅެފަ އެވެ. މާޒިޔާ އަށް ކުޅުމަށްފަހު ދާދި ފަހުން އަކޫ ވަނީ ކަކުލުގެ ސާޖަރީއެއް ވެސް ކޮށްފަ އެވެ.
އަކޫ އާއި އުމެއިރު ވިކްޓްރީ އަށް ސޮއިކުރިއިރު، އެހެން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވެސް އެ ކުލަބުން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން އަކޫ އާއި އުމެއިރުގެ އަމާޒަކީ އަލުން އަނބުރާ ވިކްޓްރީ ފުރަތަމަ ޑިވިޝަނަށް ގެންގޮސް ދިނުމެވެ.