އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 5 ވަނަ ދުވަހުން ފެށިގެން ޑިޖިޓަލް ލައިސަންސްއަށް ބަދަލުކުރަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު އެ ޚިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޤްޞަދުގައި އެ މިނިސްޓްރީގެ ފަރާތުން އަލަށް ފަރުމާކުރެވުނު ސޮފްޓްވެއަރގެ ބައިތަކުގެތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޚިދުމަތް 5 ފެބްރުވަރީ 2023ން ފެށިގެން ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
އެގޮތުން 5 ފެބްރުވަރީ 2023 އިން ފެށިގެން ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބޭނުންކުރަމުންދާ (Police Mv) އެޕްލިކޭޝަން އިން ފެންނަ މިނިސްޓްރީގެ ޑިޖިޓަލް ލައިސަންސްއަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސްގެ ގޮތުގައި ބަލައިގަނެ، އެޕްލިކޭޝަނުން ފެންނަ ލައިސަންސްއަކީ މުއްދަތު އޮތް ލައިސަންސްއެއް ނަމަ އެއީ ޞައްޙަ ލައިސެންސްކަމުގައި މޯލްޑިވްސް ޕޮލިސް ސާރވިސް ބަލައިގަތުމަށް މިނިސްޓްރީން އަންގަފާއިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.
29 ޖެނުއަރީ 2023 ވަނަ ދުވަހުން ފެށިގެން 04 ފެބުރުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް ލައިސަންސްގެ އެންމެހާ ޚިދުމަތްތައް ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ. މި ޚިދުމަތް ހުއްޓާލީ، އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސާއި ބެހޭ ޚިދުމަތް ރޯލްއައުޓް ކުރުމަށާއި ޑޭޓާ މައިގްރޭޝަންގެ މަސައްކަތްކުރުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި އަލަށް ތަޢާރަފްކުރެވޭ ސޮފްޓްވެއަރގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރެވިގެންދާނީ ޑިޖިޓަލްކޮށް ކަމަށާއި ލައިސަންސް ދޫކުރެވޭނީ ވެސް ޑިޖިޓަލްކޮށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށް ދެވޭނެ ކަމަށެވެ. އަދި މި ބަދަލާއި ގުޅިގެން މިހާރު ޕްރިންޓިންއަށް ކުރަމުންގެންދާ ހޭދަ ކުޑަވެގެން ދާނެ ކަމަށާއި ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރިނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓުކޮށްގެން ގެންގުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ވެސް ފަހިކޮށްދެވޭނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިނިސްޓަރު އާއިޝަތު ނަހުލާ ވަރަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރިއަށްގެންދާ ޑިޖިޓަލްކުރުމުގެ މި މުހިއްމު މަސައްކަތަކީ މިނިސްޓްރީގެ ވަރަށް މަދު މުވައްޒަފުންކޮޅަކާއެކު އެ މިނިސްޓްރީގެ ޓީމުންކޮށްފައިވާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށާއި ތަންފީޒީ އިދާރާތަކަށް ވެސް ލުއިފަސޭހަވެގެން ދާނެކަމަށާއި ކިއުގައި ނުޖެހި ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވައުދުފުޅެއް ކަމަށެވެ.