ކ. މާލެ
|
2 ފެބްރުއަރީ 2023 | ބުރާސްފަތި 18:44
ރައީސް ސާލިހާއި ރައީސް ނަޝީދު
ރައީސް ސާލިހާއި ރައީސް ނަޝީދު
ރައީސް އޮފީސް
އެމްޑީޕީގެ
ޕާޓީގެ ރައީސްގެ ގޮތުގައި ހުންނަވައިގެން ރިޔާސީ ކެނޑިޑޭޓާ ދެކޮޅަށް ނަޝީދު މަސައްކަތެއް ނުކުރައްވާނެ: އިބުރޭ
"ފިކުރެއްގެ ދިރުން" މި ނަމުގައި ގޮފިތައް އުފެއްދުމަށް ރައީސް ނަޝީދު ދަނީ މަސައްކަތް ކުރައްވަމުން
އެމްޑީޕީގެ ތެރޭގައި ވަކި ފިކުރެއް ދިރުވުމަށްޓަކައި ގޮފިތައް އުފެއްދުމަކީ ކުރެވިދާނެ ކަމެއް ކަމަށް އިބުރޭ ވިދާޅުވި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސްގެ ގޮތުގައި ހުންނަވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ރިޔާސީ ކެނޑިޑޭޓާ ދެކޮޅަށް މަސައްކަތްކުރައްވާފާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް، އެމްޑީޕީގެ ޗެއާރޕަރސަންގެ ނައިބު އަދި ޝަކުވާ ބަލާ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް ސާލިހެވެ. އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވީ %61.10 ވޯޓު ހޯއްދަވައިގެންނެވެ. އެއީ 24،566 ވޯޓެވެ. އެންމެ ފުރަތަމަ ރައީސް ނަޝިީދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ފަހުން އެމަނިކުފާނު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅުކުރައްވާފައެވެ. ނަމަވެސް ރައީސް ސާލިހަށް ތާއީދު ނުކުރައްވާކަން ރައީސް ނަޝީދު ހާމަކުރެއްވިއެވެ.

މީގެ އިތުުރުން "ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައިވެސް އަލުން ހަދައި، ކަނޑާލި 39،000ށްވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާއެކު ފެންނަ ގޮތެއް ނިންމުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާނެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ކުރިއަށް ޕާލިމެންޓަރީ ނިޒާމަށް ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދުކުރަން ފަަސޭހަވާނެ ކެންޑިޑޭޓެއް ކަމަށްވެސް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައީސް ނަޝީދަކީ އެމްޑީޕީގެ ކަންކަމާއި އެމްޑީޕީ ހިނގާ ގޮތް އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނެ އެއްބޭފުޅާ ކަމަށެވެ. އެހެންކަމުން ޕާޓީގެ ރައީސްގެ ގޮތުގައި ހުންނަވައިގެން ޕާޓީއާ ދެކޮޅަށް މަސައްކަތްޕުޅު ނުކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. (އެމްޑީޕީ)ގެ ތެރޭގައި ވަކި ފިކުރެއް ދިރުވުމަށްޓަކައި ގޮފިތައް އުފެއްދުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި، އެ ގޮފިތަކުން ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ކެނޑިޑޭޓް ނޫން އެހެން ކެނޑިޑޭޓަކަށް ތާއީދުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ އަސާސީ ގަވައިދު އިސްލާހުނުކޮށް، ޚާއްސަ ގޮތުން ބާއްވާ ކޮންގްރެސްއަކުން ވެސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ދެން ބަދަލުނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން، ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅަންވާނީ އާއްމު މެމްބަރުންގެ ވޯޓާއެކުގައެވެ. ވޯޓުލައި އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމަށްފަހު އެ ނޫން ރިޔާސީ ކެނޑިޑޭޓެއް ނުހުންނާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ނަޝީދު ރައީސް ސާލިހަށް ތާއީދުކުރެއްވުމުގެ ބަދަލުގައި ވަކި ގޮފިތަކެއް އުފެއްދެވުމަށް މަސައްކަތްކުރައްވަމުން ދާއިރު ރައީސް ސާލިހު ވަނީ އެމަނިކުފާނާ އެކީގައި މަސައްކަތް ކުރެއްވުމަށް ނަޝީދަށް ދައުވަތު ދެއްވާފައެވެެ. އަދި ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ އެއީކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ހަމައެެހެންމެ އެކުގައި މަސައްކަތްކުރައްވައިފިނަމަ ޕާޓީއަށް ފަސޭހަކަމާއެކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނެކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ސާލިހަށް ރިޔާސީ ޓިކެޓް އެރުވުން އަންނަ މަހު މެދާ ހިސާބަށް ދިއުމުގެ ކުރިން އޮންނާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

- ކޮމެންޓް