ކަރަބޯ ކަޕްގެ ފައިނަލްގައި ނިއުކާސަލް ޔުނައިޓެޑު ބަލިކޮށް މުބާރާތުގެ ތަށި ކާމިޔާބު ނުކުރެވިއްޖެ ނަމަ، ފައިނަލަށް އައުމުގެ ބޭނުމެއް ނެތް ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ޑިފެންޑަރު ލޫކް ޝޯ ބުނެފި އެވެ.
ޝޯ މިހެން ބުނީ ކަރަބޯ ކަޕް ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ނޮޓިންހަމް ފޮރެސްޓު ބަލިކޮށް ޔުނައިޓެޑުން މުބާރާތުގެ ފައިނަލަށް ދަތުރުކުރި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، ފައިނަލް މެޗު ކާމިޔާބު ނުކުރެވިއްޖެ ނަމަ، އެއްވެސް ކަމެއް ޙާސިލްކުރެވުނު ކަމަށް ނުވާނެ ކަމަށެވެ. އަދި 2017 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑަށް ކަރަބޯ ކަޕްގެ ފައިނަލަށް އާދެވުމަކީ ވަރަށް ޚާއްސަ ކަމެއް ކަމަށެވެ. ނަމަވެސް އެކަން މުޅިން ފުރިހަމަ ވާނީ ފައިނަލުން މޮޅުވެގެން ކަމަށެވެ. ޝޯ ބުނީ މިހާރު ޔުނައިޓެޑުން ނެރެމުން އަންނަ ނަތީޖާތަކުން ބުނެދެނީ އެމީހުންގެ ފެންވަރު ކަމަށެވެ. އަދި ޔުނައިޓެޑުގެ ހުރިހާ ކުޅުންތެރިން ވެސް މިވަގުތު ތިބީ ވަރަށް ރަނގަޅަށް ކަމަށާއި، ޚާއްސަކޮށް މެޗުތަކުން އެކަން ފާހަގަވާނެ ކަމަށެވެ. ޝޯ ވަނީ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި މެޗުތައް ކުޅޭއިރު، ސަޕޯޓަރުންގެ ފަރާތުން ފެންނަ ސަޕޯޓާއި، ޔުނައިޓެޑާމެދު މިހާރު ސަޕޯޓަރުން ތިބެނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށް ބުނެފަ އެވެ. އިތުރަށް ޝޯ ބުނީ ކަރަބޯ ކަޕްގެ ފައިނަލަކީ ބޮޑު މެޗެއް ކަމަށާއި، ނަމަވެސް އޭގެ ކުރިން ޔުނައިޓެޑަށް މުހިންމު އެހެން މެޗުތަކެއް ވެސް ހުރި ކަމަށެވެ.
ފައިނަލަށް ދިޔުމަކީ ވަރަށް އުފާވެރިކަމެއް. އެކަމަކު ފައިނަލަށް ގޮސް މެޗުން މޮޅު ނުވެވިއްޖެނަމަ އޭގެ އެއްވެސް ޕޮއިންޓެއް ނެތް. އެއްވެސް ކަމެއް ހާސިލް ކުރެވުނު ކަމަށް ވެސް ނުވާނެ.ލޫކް ޝޯ / މެންޗެސްޓަރ ޔުނައިޓެޑުގެ ޑިފެންޑަރު
މީގެ އިތުރުން ޝޯ ބުނީ މިހާރު ޔުނައިޓެޑަށް ލިބިފައި ވަނީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، ޔުނައިޓެޑުން އޮންނަން ބޭނުންވާ ހިސާބު ސާބިތުކޮށްދޭން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑަކީ އަބަދު ވެސް ބޮޑެތި މެޗުތައް ނުވަތަ ފައިނަލް ކުޅެން ބޭނުންވާ ޓީމެއް ކަމަށާއި، ކުޅުންތެރިން ބޭނުންވަނީ ކުލަބަށް އެކަންކަން ހާސިލްކޮށްދޭން ކަމަށެވެ. އަދި ޔުނައިޓެޑުން އަބަދު ވެސް މަސައްކަތް ކުރަނީ ތަށި ކާމިޔާބު ކުރަން ކަމަށާއި، އެހެންކަމުން ނިއުކާސަލާ ދެކޮޅަށް ކުޅޭ ފައިނަލް މެޗަކީ ބޮޑު ޗެލެންޖަކަށް ވެސް ވާނެ ކަމަށެވެ. އޭނާ ބުނީ އެ ޓީމަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި، މެޗު އުނދަގޫ ވެސް ވާނެ ކަމަށެވެ. ނަމަވެސް ޔުނައިޓެޑުން އެ މެޗަށް ފުރިހަމަ އަށް ތައްޔާރުވާނެ ކަން ފާހަގަކޮށް ޝޯ ބުނީ، ކުޅުންތެރިން ތިބީ އެއް އަޒުމެއްގައި ކަމަށެވެ.
ކަރަބޯ ކަޕްގެ ފައިނަލް އޮންނަނީ މި މަހުގެ 26 ވަނަ ދުވަހު ވެމްބްލީގަ އެވެ.