ކ. މާލެ
|
30 ޖެނުއަރީ 2023 | ހޯމަ 17:31
އެމްޑީޕީގެ ބައްދަލުވުމެއް ތެރެއިން
އެމްޑީޕީގެ ބައްދަލުވުމެއް ތެރެއިން
އަޒްމީން / ޓްވިޓަރ
އެމްޑީޕީ ތެރޭގައި އިތުރު ގޮތްޕެއް އުފެއްދުން
ޕާޓީގެ ގޮފި އުފެއްދުމުގެ ފުރުސަތު އޮންނާނެ، އިތުރު ކެނޑިޑޭޓަކު ކަނޑައެއްނޭޅޭނެ: އެމްޑީޕީ
 
ނަޝީދު ވިދާޅުވީ، އެމްޑީޕީން އެކުލަވާލާފައިވާ ވޯޓަރސް ލިސްޓަށް ބަލާނަމަ ކުޑަ ފަރަގަކުން ރައީސް ސާލިހު ކާމިޔާބުކުރައްވަފާނެ ކަމަށް ފެނިވަޑައިގަންނަވާކަމަށް
 
އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީގެ އިންތިޚާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ ރައީސް ސާލިހަށް ލިބިވަޑައިގަތްް ވޯޓުގެ ވަރަށް ބޮޑު ބައި އުނިވާނެ ކަމަށް
 
ރައީސް ސާލިހަށް ރިޔާސީ ޓިކެޓް އެރުވުން އަންނަ މަހު މެދާ ހަމައަށް ދިއުމުގެ ކުރިން އޮންނާނެކަމަށް އެ ޕާޓީން ވަނީ ބުނެފައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތެރޭގައި ވަކި ފިކުރެއް ދިރުވުމަށްޓަކައި ގޮފިތައް އުފެއްދުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި، އެހެންނަމަވެސް އެ ގޮފިތަކުން ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ކެނޑިޑޭޓް ނޫން އެހެން ކެނޑިޑޭޓަކަށް ތާއީދުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއާރޕަރސަންގެ ނައިބު އަދި ޝަކުވާ ބަލާ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ. އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް ސާލިހެވެ. އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވީ %61.10 ވޯޓު ހޯއްދަވައިގެންނެވެ. އެއީ 24،566 ވޯޓެވެ. އެންމެ ފުރަތަމަ ރައީސް ނަޝިީދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށެވެ.

އެހެންނަމަވެސް ހޯމަ ދުވަހު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ ރައީސް ސާލިހަށް ލިބިވަޑައިގަތް ވަރަށް ގިނަ ވޯޓު އުނިވާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީން އެކުލަވާލާފައިވާ ވޯޓަރސް ލިސްޓަށް ބަލާނަމަ ކުޑަ ފަރަގަކުން ރައީސް ސާލިހު ކާމިޔާބުކުރައްވަފާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވަނީ ބަލި ގަބޫލުކުރައްވާފައެވެ.

އެހެންނަމަވެސް ޕްރައިމަރީ އެމަނިކުފާނު ކާމިޔާބުކުރެއްވި ނަމަވެސް، ރައީސް ސާލިހާއެކު އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ ރައީސް ސާލިހަށް ތާއީދުކުރައްވަން ދެކޮޅު ހައްދަވާފައެވެ. އޭގެ ބަދަލުގައި "ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައިވެސް އަލުން ހަދައި، ކަނޑާލި 39،000ށްވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާއެކު ފެންނަ ގޮތެއް ނިންމުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާނެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ކުރިއަށް ޕާލިމެންޓަރީ ނިޒާމަށް ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދުކުރަން ފަަސޭހަވާނެ ކެންޑިޑޭޓެއް ކަމަށްވެސް ވިދާޅުވިއެވެ.

މިކަމާގުޅިގެން ރާއްޖެ އެމްވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ، ތަފާތު ފިކުރުތައް ކުރިއެރުވުމަށް ޕާޓީގެ ތެރޭގައި ގޮފިތައް އުފެއްދުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި އެކަމަށް ޖާގަ ލިބޭނެ ކަމަށެވެ. ނަމަވެސް ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން، ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅަންވާނީ އާއްމު މެމްބަރުންގެ ވޯޓަކުން ކަމަށާއި، އެ މަރުހަލާ ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވާނީ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓަކު ހޮވުމާމެދު ދައްކަވާ ވާހަކަފުޅުތަކަކީ ރައީސް ނަޝީދުގެ އަމިއްލަފުޅު މަސައްކަތްޕުޅުތަކެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު ރައީސް ސާލިހަށް ތާއީދުކުރެއްވުމުގެ ބަދަލުގައި ވަކި ގޮފިތަކެއް އުފެއްދެވުމަށް މަސައްކަތްކުރައްވަމުންދާ އިރު ރައީސް ސޯލިހު ވަނީ އެމަނިކުފާނާ އެކީގައި މަސައްކަތް ކުރެއްވުމަށް ނަޝީދަށް ދައުވަތު އަރުވާފައެވެ. އަދި ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ އެއީކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ހަމައެެހެންމެ އެކުގައި މަސައްކަތްކުރައްވައިފިނަމަ ޕާޓީއަށް ފަސޭހަކަމާއެކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނެކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ސާލިހަށް ރިޔާސީ ޓިކެޓް އެރުވުން އަންނަ މަހު މެދާ ހިސާބަށް ދިއުމުގެ ކުރިން އޮންނާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް