ކ. މާލެ
|
30 ޖެނުއަރީ 2023 | ހޯމަ 12:44
ހެލްމެޓު ހަދިޔާކުރުން
ހެލްމެޓު ހަދިޔާކުރުން
ރާއްޖެއެމްވީ
"ރައްކާ" ޕްރޮގްރާމް
ފުލުހުންގެ "ރައްކާ" ޕްރޮގްރާމަށް އެލައިޑުން 100 ހެލްމެޓް ހަދިޔާކޮށްފި
މިއީ އެލައިޑްގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް
2015 ވަނަ އަހަރުން ފެށިގެން "ރައްކާ" ޕްރޮގްރާމް ކުރިއަށްދޭ

ދިވެހި ފުލުހުންގެ ޚިދުމަތާ އެލައިޑް އިންޝުއަރެންސް ގުޅިގެން ކުރިއަށްގެންދާ "ރައްކާ" ޕްރޮގްރާމަށް އެލައިޑް އިންޝުއަރެންސްގެ ފަރާތުން 100 ހެލްމެޓު ހަދިޔާކޮށްފިއެވެ.

ހޯމަ ދުވަހު އެލައިޑް އިންޝުއަރެންސްގެ 38 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ފަރާތުން މި 100 ހެލްމެޓު ހަވާލުކޮށްދެއްވީ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާންއެވެ. ފުލުހުންގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހުއެވެ.

މި ތަކެއްޗާއި ހަވާލުވެވަޑައިގެން ވާހަކަދައްކަވަމުން ފަސީހު ވިދާޅުވީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއަރނެސް އެންޑް ޕްރިވެންޝަން ޑިޕާޓްމެންޓުގެ ފަރާތުން ކުރިއަށްގެންދާ ރައްކާ ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުމަށް 2015 ވަނަ އަހަރު ރޭވިގެން އެލައިޑްގެ ވަރަށް ބޮޑު އެހީއަކާއެކު ކުރިއަށްގެންދާ ބޮޑު ޕްރޮގްރާމެއް ކަމަށެވެ.

2022 ވަނަ އަހަރު މި ޕްރޮގްރާމަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވައި ފަސީހު ވިދާޅުވީ މިހާރު ރާއްޖޭގައި ރޯޑް ސޭފްޓީގެ ގޮތުގައި ހިންގޭ ހުރިހާ ޕްރޮގްރާމަކީވެސް ރައްކާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމުތައް ކަމަށެވެ. މިގޮތުން ސްކޫލްތަކާއި ކޮލެޖުތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދާ ޕްރޮގްރާމުތަކާއި، ކުންފުނިތަކާއި އާންމު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެމުންދެއެވެ.

ރައްކާގެ ދަށުން މިދިޔަ އަހަރުވެސް 30 އަށްވުރެ ގިނަ ޕްރޮގްރާމް ހިންގިފައިވާނެ. 20،000 އެއްހާ މީހުންނާ ސީދާ އެނގޭޖުވެ މައުލޫމާތުދީފައިވާނެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހު

ފަސީހު އިތުރަށް ވިދާޅުވީ އެލައިޑުން ހަދިޔާކުރި 100 ހެލްމެޓާއެކު މަގުމަތީގައި ރާވައި ހިންގާ ޕްރޮގްރާމްތައް އިތުރުވެގެންދާނެ ކަމަށެވެ. އަދި ހެލްމެޓް އަޅަންޖެހޭ ސަރަހައްދުތަކުގައި ހިންގާ އެކި އެކި ޕްރޮގްރާމުތަކުގައި މި ތަކެތި އާންމުންނަށް ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްކާ" ޕްރޮގްރާމަކީ 2015 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު އެލައިޑުން ކުރިއަށްގެންދާ އެކުންފުނީގެ ސީއެސްއާރު ހަރަކާތެކެވެ.

- ކޮމެންޓް