ކ. މާލެ
|
29 ޖެނުއަރީ 2023 | އާދީއްތަ 22:12
ރައީސް ސާލިހް
ރައީސް ސާލިހް
ރާއްޖެއެމްވީ
އެމްޑީޕީގެ ރިޔާސީ ޓިކެޓް
ރައީސަށް ރިޔާސީ ޓިކެޓް ހަވާލުކުރުން އަންނަ މަހު
ރައީސް ނަޝީދުގެ މައްޗަށް ރައީސް ސާލިހު ކުރިހޯއްދެވީ 61.10 އިންސައްތައިގެ ބޮޑު އަޣުލަބިއްޔަތަކުން

އަންނަ މަހުގެ މެދާ ހިސާބަށް ދިއުމުގެ ކުރިން އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އެރުވުން އޮންނާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ޗެއަރޕަސަންގެ ނާއިބު އިބްރާހީމް ވަހީދު ރާއްޖެ ޓީވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި އިއުލާންކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުން، އަންނަމަހުގެ މެދާ ހިސާބަށް ދިއުމުގެ ކުރިން އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ސާލިހަށް ރަސްމީކޮށް އެރުވުން އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ކުރިއަށްގެންދާނީ ރައީސް ސާލިހަށް ވަގުތު ލިބިވަޑައިގަންނަވާ ގޮތަކަށް ބެލުމަށްފަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާއިރު، މި ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް ސާލިހު ކުރިހޯއްދެވީ 61.10 އިންސައްތައިގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މި އިންތިޚާބުގައި ރައީސް ނަޝީދަށް ލިިބިވަޑައިގަތީ 38.09 އިންސައްތައެވެ. އެމްޑީޕީން ބުނީ މިއީ މިހާތަނަށް ބޭއްވި އެންމެ ޝަކުވާ މަދު އިންތިޚާބު ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަ އެއްވެސް ޝަކުވާއެއް ނެތްކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ރިޔާސީ ޕްރައިމަރީގައި ޕާޓީގެ 71.41 ޕަސެންޓު މެމްބަރުން ވޯޓުލާފައިވާއިރު، ވޯޓުލާފައިވަނީ 40887 މީހުންނެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 57255 މީހުންނަށެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. އެމަނިކުފާނަށް 24566 ވޯޓު ލިބިވަޑައިގެންފައި ވާއިރު، އެއީ ވޯޓުލީ މީހުންގެ 61.1 ޕަސެންޓު ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އެއީ ވޯޓުގެ 38.9 އިންސައްތައެވެ.

- ކޮމެންޓް