ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރުމަށް ހޮނިހިރު ދުވަހު އެމްޑީޕީން ކުރިއަށްގެންދިޔަ ޕްރައިމަރީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ކާމިޔާބުކުރައްވާފައިވާކަން ވޯޓުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކުރިހޯއްދަވާފައިވާއިރު، ވަގުތީ ނަތީޖާ ދައްކާގޮތުން އެމަނިކުފާނަށް 24،566 ވޯޓު ލިބިވަޑައިގެންނެވިއެވެ. މިއީ 61.10 އިންސައްތައެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އެއީ 38.90 އިންސައްތައެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އަތޮޅުތަކުން ކުރީގައި އުޅުއްވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. ބޮޑެތި ސިޓީތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ފިޔަވައި އެހެން ސިޓީތަކުގައިވެސް ކުރީގައި އުޅުއްވަނީ ރައީސް ސާލިހެވެ.
މިގޮތުން މާލެ ސިޓީގެ ވަގުތީ ނަތީޖާއަށް ބަލާއިރު ރައީސް ސާލިހަށް 2،199 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އަދި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 2،115 ވޯޓެވެ.
އައްޑޫ ސިޓީއިން ރައީސް ސާލިހަށް 2,777 ވޯޓު ލިބިވަޑައިގެންފައިވާއިރު، ރައީސް ނަޝީދަށް އައްޑޫއިން ލިބިވަޑައިގެންފައިވަނީ 2,536 ވޯޓެވެ.
ފުވައްމުލައް ސިޓީން ރައީސް ސާލިހަށް 733 ވޯޓު ލިބިވަޑައިގެންފައިވާއިރު ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 699 ވޯޓެވެ.
ސިޓީތަކުގެ ތެރެއިން ރައީސް ސާލިހަށް ކާމިޔާބުނުކުރެއްވުނު ހަމައެކަނި ސިޓީއަކީ ކުޅުދުއްފުށި ސިޓީ ކަމަށްވާއިރު، އެ ސިޓީން ރައީސް ސާލިހަށް ލިބިވަޑައިގެންފައިވަނީ 219 ވޯޓެވެ. އެ ސިޓީން ރައީސް ނަޝީދަސް 245 ވޯޓު ލިބިވަޑައިގެންފައިވެއެވެ.
ބޮޑު ތަފާތަކުން ރައީސް ސާލިހު މި އިންތިޚާބު ކާމިޔާބުކުރައްވާފައިވާއިރު ބޮޑެތި އަތޮޅުތަކުގެ ތެރެއިން ހއ. އަތޮޅުން ރައީސް ސާލިހަށް 1,625 ވޯޓު ލިބިވަޑައިގެންނެވިއެވެ. ރައީސް ނަޝީދަށް ހއ. އަތޮޅުން ލިބިވަޑައިގެންނެވީ 861 ވޯޓެވެ. ހދ. އަތޮޅުން ރައީސް ސާލިހަށް 1,342 ވޯޓު ލިބިވަޑައިގެންފައިވާއިރު ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 682 ވޯޓެވެ.
ށ. އަތޮޅުން ރައީސް ސާލިހަށް 1,893 ވޯޓު ލިބިވަޑައިގެންނެވިއިރު، އެ އަތޮޅުން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 472 ވޯޓެވެ. ރ. އަތޮޅުން ރައީސް ސާލިހަށް 1,168 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 752 ވޯޓެވެ. މީގެ އިތުރުން އެހެނިހެން އަތޮޅުތަކުންވެސް ރައީސް ސާލިހު ވަނީ ކުރި ހޯއްދަވާފައެވެ.
ރައީސް ސާލިހު ޕްރައިމަރީ ކާމިޔާބުކުރައްވާފައިވާއިރު އެމަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދަވަނީ ގުޅިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވުމަށެވެ. އަދި އެމަނިކުފާނު އެމްޑީޕީގައި ދެމިހުންނަވާނެކަމަށް ދަނީ ވިދާޅުވަމުންނެވެ.