2009ގައި މަޖިލީސް ތެރެއިން ވެރިކަން ވައްޓާ ނުލެވުނީ ރައީސް ޞާލިހުގެ ހިކުމަތްތެރިކަމުގެ ސަބަބުންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ. 2009 ގައި މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި މިސާލަކީ މުރަނަ ނުވެ ހިކުމަތްތެރިކަމާއި އެކު މަސައްކަތްކުރާނެ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި 2009ގެ މަޖިލީސް އިންތިޚާބަށް ފަހު އެމްޑީޕީގެ ޕީޖީ ލީޑަރުގެ ގޮތުގައި ރައީސް ޞާލިހު ކުރެއްވީ ވަރަށް އުނދަނގޫ ޚިކުމަތްތެރި މަސައްކަތްތައް ކަމަށް މާރިޔާ ވިދާޅުވިއެވެ. އޭރު މަޖިލީހުގެ ތެރެއިން ވެރިކަން ވައްޓާލުމަށް ފުރުސަތު ލިބުނަ ނުދެއްވުމަށް ރައީސް މަސައްކަތްކުރެއްވި ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އޭރު އެމްޑީޕީ އަށް ލިބުނީ އެންމެ 26 ގޮނޑި ކަމަށާއި އެހެންނަމަވެސް މަޖިލީހުގެ ތެރެއިން އެ ވެރިކަން ދިފާއުކުރައްވަން ރައީސް ޞާލިހު ކުރެއްވުނު ހުރިހާ މަސައްކަތެއް ކުރެއްވި ކަމަށް މާރިޔާ ވިދާޅުވިއެވެ. އާސަންދައިގެ ސިޔާސަތު ފަދަ މުހިންމު ނިންމުންތައް ނިންމަން ބޭނުންވާ މަސައްކަތްތައް ކުރީ މަޖިލީހުގެ މެޖޯރިޓީ އާއި އެކުގައި ނޫން ކަން އޭނާ ފާހަގަކުރެއްވިއެވެ. އެ މަސައްކަތްތައް ކުރެއްވީ ރައީސްގެ ލީޑަރޝިޕްގެ ސަބަބުން ކަމަށް މާރިޔާ ފާހަގަ ކުރެއްވިއެވެ.
މާރިޔާ ވަނީ ގައުމަށް އެންމެ ރަނގަޅީ ރައީސް ޞާލިހު އާއި އެކު އެމްޑީޕީގެ ވެރިކަމެއް ރާއްޖެއިން ފެނުން ކަމަށެވެ. ރާއްޖެ އަށް އެންމެ ބޮޑަށް ހެޔޮ އެދޭ ބޭފުޅަކީ ރައީސް ޞާލިހުކަން އެމަނިކުފާނު ސާބިތުކޮށްދެއްވާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެންމެންނާއި އެކު ގުޅިގެން މަސައްކަތްކުރާ ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައި ރައީސް ޞާލިހު ފާހަގަކުރެއްވޭ ކަމަށް މާރިޔާ ވިދާޅުވިއެވެ. އޭނާ ވަނީ ރައީސް އަކީ ހިންގުންތެރި ބޭފުޅެއް ކަަމަށް ވެސް ވިދާޅުވެފައެވެ.