ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވަނީ ވެރިކަމަށް ވަޑައިގަތުމަށް ފަހު ބިއްޖެހިފައިވާ ޖީލެއް ބަދަލުކޮށް ލޯ ހުޅުވިފައިވާ ޖީލެއް ބިނާކޮށްދެއްވާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހު އަށް ތާއީދުކުރާ ފަރާތްތަކުން ބޭއްވި އެ ޖަލްސާގައި ވާހަކަދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން އެންމެ ފުރިހމައަށް ކޮށްދެއްވި ބޭފުޅަކީ ރައީސް ޞާލިހު ކަމަށެވެ. އެގޮތުން ރާއްޖެ ތަރައްޤީކުރަން ތައުލީމީ ޖީލެއް ބިނާ ކުރުމުގެ މުހިންމުކަން އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ޒުވާނުން ބިއްޖެހިފައި ބިކަވެފައި ތިބެގެން ތަރައްޤީ ނުކުރެވޭނެކަން ވެސް ރައީސް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އެހެންކަމުން ހިލޭ ތައުލީމް ހާސިލްކޮށްދޭނެ މަގު ފަހިކޮށްދީފައި ވާއިރު 15000 އަށް ވުރެ ގިނަ ދަރިވަރުން އެ ފުރުސަތުގެ ބޭނުން ހިފަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެއީ ރަނގަޅު ޖީލެއް ބިނާކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފޯރުކޮށްދިނުމަށް ވެސް މި ސަރުކާރުން ދީފައިވާ އިސްކަމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ވެރިކަމަށް މީހަކު ގެންނަނީ ރައްޔިތުން އެދޭ ރައްޔިތުން ބޭނުންވާ ކަންކަމުގެ ވިސްނުމާއި ހުނަރާއި އެކަންކަން ކުރައްވާނެ ގޮތުގެ ޕްލޭން އެއް އޮތުމުން ކަމަށެވެ. އަދި އެކަން ކުރެވޭނީ ރައްޔިތުން އުޅޭ ހާލު އެނގިގެން ރައްޔިތުން ދެން ބޭނުންވާ ޚިދުމަތް ވެސް އެނގިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް އެގޮތުގެ މަތީގައި ކޮށްދެވޭނީ ރައީސް ޞާލިހު އަށް ކަމަށް އޭނާ ވިދާޅުވިއެވެ.