ހދ. ނޮޅިވަރަމް ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލު ކޮށްފައިވަނީ ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، ނޮޅިވަރަމް ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނަޢީމެވެ. އަދި ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ޢަލީ ޢިޔާނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ހަވާލު ކުރާ ގޮތަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއު ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 15,073,651.92 (ފަނަރަ މިލިއަން ހަތްދިހަ ތިން ހާސް ހަސަތޭކެ ފަންސާސް އެއް ރުފިޔާ ނުވަދިހަ ދެ ލާރި) އަށެވެ.