ކ. މާލެ
|
13 ޖެނުއަރީ 2023 | ހުކުރު 22:19
މޭޔަރ ނިޒާރު
މޭޔަރ ނިޒާރު
އެމްޑީޕީ
އައްޑޫގެ ކުރިމަގު
އައްޑޫ އާއި މެދު ރައީސް ރިއެކްޓްކުރެއްވީ އިގްތިސާދު ބިނާކުރުމަށް: ނިޒާރު
މިހާރު ކުރިއަށް ދަނީ އައްޑޫގެ ކުރިމަގަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ މަސައްކަތް ކަމަށް ނިޒާރު ވިދާޅުވި
2018 ވަނަ އަހަރު އައްޑޫ އަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ރައީސް ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި

އައްޑޫ ސިޓީ އާއި މެދު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރިއެކްޓް ކުރެއްވީ ވަރަށް ރަނގަޅަށް ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ފޭދޫގައި ހުކުރު ދުވަހު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސް އައްޑޫ އާއި މެދު ރިއެކްޓްކުރެއްވީ އެ ސިޓީ ބިނާކޮށް އިގްތިސާދީ ކުރިއެރުމަށްޓަކާ ކަމަށް އޭނާ ވިދާޅުވިއެވެ. ނިޒާރު ވަނީ އައްޑޫގެ މުސްތަގްބަލް އުޖާލާ ކަމަށް ފާހަގަކުރައްވާފައެވެ. މިހާރު ކުރިއަށް ދަނީ އައްޑޫގެ ކުރިމަގަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ މަސައްކަތް ކަމަށާއި އެކަން ކުރެވޭނީ އައްޑޫ އަށް އަޅާލާ ވެރިއަކު ހުރެގެން ކަަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު އައްޑޫ އަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ރައީސް ކުރައްވާފައިވާ ކަމަށާާއި އެކަމަކީ އުފާކުރައްވާ ކަމެއް ކަަމަށް ނިޒާރް ވަނީ ފާހަގަކުރައްވާފައެވެ. އައްޑޫ ތަރައްްޤީ ކުރުމަކީ ސަރުކާރުތަކަށް އޮތް ގޮންޖެހުމެއް ކަމަށް ވީ ނަމަވެސް ރައީސް ޞާލިހުގެ ސަރުކާރުން ދައްކައިދިނީ ޕްލޭނަކާއި އެކު ކޮށްފި ނަމަ އެ މަސައްކަތް ފުރިހަމަވާނެކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫގެ ތަރައްގީގެ މަސައްކަތްތަކާއި މެދު ވާހަކަދައްކަވަމުން ނިޒާރު ވަނީ ޖޫން މަހުގެ ކުރިން އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އައްޑޫ މަގު ހެދުމުގެ މަސައްކަތް ވެސް މި ދައުރުގެ ތެރޭގައި ނިމޭނެ ކަމަށް ފާހަގަކުރައްވާފައެވެ. އިތުރަށް ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އައްޑޫގެ މީހުން ރިޔާސީ ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ. އައްޑޫގެ ތަރައްޤީ އަށް ސަރުކާރުން ކޮށްދޭ ކަންކަމަކީ ފާހަގަކުރަން ޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނީ އެ ޕާޓީ ވެރިކަމަށް އައިސްގެން ކަމަށް ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އާއްމުން އެމްޑީޕީ އަށް ތާއީދުކުރަނީ ޕާޓީގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށާއި އެމްޑީޕީގެ ވެރިކަމެއް ގެންނަން ބޭނުން ވަނީ ވެސް އެހެންވެގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޕާޓީގެ ކުރިމަގު ރަނގަޅުވާނީ ރައީސް ޞާލިހު އަށް ވެރިކަން ލިބިގެން ކަމަށް މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ. ޕާޓީގެ ސިޔާސަތުގައި ދެމި ތިބެނީ އަތޮޅުތަކާއި އަޅާލާތީ ކަމަށާއި އެ ސިޔާސަތު ދަމަހައްޓާނެ ވެރިއަކީ ރައީސް ޞާލިހު ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް