ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލާ ނަމަ 70 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް ރައިސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން އައްޑޫގެ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޝަންގްރިއްލާގެ މަސައްކަތް ފެށުނީ ސަރުކާރު ހިއްސާއަކާއި އެކު ކަމަށް ވީ ނަމަވެސް އެއްވެސް ސަރުކާރުން އެތަނަށް ވާނުވާ ނުބަލާ ކަމަށެވެ. އަދި އެތަން ހުއްޓިފައި ވަނިކޮށް، އެތަން އަލުން ހުޅުވޭނީ ކިހިނެތްތޯ މި ސަރުކާރުން ބެލި އިރު ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރުން އެތަނަށް ގެއްލުންވާކަން ހާމަވި ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ބޭނުންވީ އެތަން ހިންގޭނެ ގޮތެއް ހޯދަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިހާރު އޮތް ގޮތަށް ޝަންގްރިއްލާގެ ޖޮއިންޓް ވެންޗަރގައި ސަރުކާރުގެ ހިއްސާ އޮވެގެން ވިޔަފާރި ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އެތަނުގެ ހިއްސާ ދޫކޮށްލުމަށް ގެންނަން ޖެހޭ ޤާނޫނީ ބަދަލު ވަނީ ގެނެސްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޝަންގްރިއްލާގެ ކަންކަން އެއްވެސް ސަރުކާރަކުން ބަލާފައި ނުވާ ކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިހާރު ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލަން ޖެހޭނީ ހިލޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް އައްޑޫސިޓީ ބޭނުންވާ ނަމަ އެކަން ކޮށްދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ޝަންގްރިއްލާގެ މައްސަލައިގައި އިހުމާލުވާ މިހުން ހޯދާ އެ މީހުންނާއި މެދު ފިޔަވަޅު އަޅަން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.
ހިއްސާ ދޫކޮށްލަން ބެލިއިރުގައި މިވޭތުވެދިޔަ ތަނުގައި ކުންފުނި ހިންގާފައި އޮތީ ގެއްލުމުގައި. އެހެން ގޮސް ސަރުކާރުގެ ހިއްސާއަކީ ކިހާވަރެއްތޯ ބެލިއިރުގައި އެ އޮތީ ނެގެޓިވް. އަޅުގަނޑުމެން ހިއްސާ ދޫކޮށްލާ ކަމަށް ވަންޏާ 70 މިލިއަން ޑޮލަރު އެބަ ދައްކަންޖެހޭ. އެއްވެސް ސަރުކާރަކުން ނެތް މި އަށް ބަލާފައި. ކުންފުނި ހިންގާފައި ސްޓޭޓްމަންޓްތައް އެބަހުރި ސަރުކާރަށް ހުށަހަޅާފައިރައީސް ޞާލިހު
މިހާރު ހެދެން އޮތް ހަމައެކަނި ގޮތަކީ ކުންފުނީގެ ދަރަންޏާއި ހިއްސާއާ އަޅާ ކަނޑައި ޝަންގްރިއްލާ ދޫކޮށްލުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ކޮވިޑް 19 އާއި އެކު ޝަންގްރިއްލާގެ އޮޕަރޭޝަން ވަނީ ހުއްޓިފައެވެ. އެތަނުގެ މަސައްކަތް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު އެ ރިސޯޓުގައި ދިވެހި ސަރުކާރުގެ 30 ޕަސަންޓު އޮވެއެވެ. ޓޫރިޒަމް ގާނޫނު އިސްލާހު ކުރަން ނިންމީ ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑަށް ގަނެވޭ ގޮތަށް ފުރުސަތު ހޯދުމަށެވެ.