ކ. މާލެ
|
10 ޖެނުއަރީ 2023 | އަންގާރަ 11:25
މެޗެއްގައި ލަނޑު ޖެހުމަށްފަހު އާސެނަލް އިން އުފާ ފާޅު ކުރަނީ
މެޗެއްގައި ލަނޑު ޖެހުމަށްފަހު އާސެނަލް އިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އެފްއޭ ކަޕް
އާސެނަލް އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރަށް، ކުޅެން ޖެހެނީ ވާދަވެރި ސިޓީއާ ދެކޮޅަށް
 
އޮކްސްފޯޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވީ 3-0 އިން

އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި އޮކްސްފޯޑް ޔުނައިޓެޑު ބަލިކޮށް، އާސެނަލުން ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އާސެނަލް، އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ވާދަކުރަން ޖެހެނީ ވާދަވެރި މެންޗެސްޓަރ ސިޓީއާ އެވެ.

އޮކްސްފޯޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވީ 3-0 އިންނެވެ. މެޗުގައި އާސެނަލްގެ ތިން ލަނޑު ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. އެއީ މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ފަބިއޯ ވިއެރާ ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން މުހައްމަދު އެލްނެނީ އެވެ. އޭގެ ހަތް މިނެޓު ފަހުން އާސެނަލަށް ލީޑު ފުޅާކޮށްދިނީ އެޑީ އެންކެޓިއޭ އެވެ. އެއީ ވިއެރާ ދިން ބޯޅައެއް ހިފައިގެން އޮކްސްފޯޑު ޔުނައިޓެޑުގެ އޭރިޔާ ތެރެއަށް ވަދެ އެ ޓީމުގެ ގޯލް ކީޕަރު އެޑްވާޑް މެކްގިންޓީ ކައިރިން ނައްޓައި ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. އާސެނަލްގެ ފަހު ލަނޑު ވެސް ޖެހީ އެންކެޓިއޭ އެވެ. މެޗުގެ 76 ވަނަ މިނެޓުގައި ގަބްރިއެލް މާޓިނެލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގެ މެޗުތައް އޮންނާނީ މި މަހުގެ ފަހު ކޮޅު އެވެ. ވާދަވެރި ސިޓީއާ ދެކޮޅަށް ނުކުންނައިރު، އާސެނަލަކީ އެފްއޭ ކަޕް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރުމުގެ ރެކޯޑު އޮތް ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް